04 Nov 2015, 16:17
ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް އެއްވެސް އެއްވެސް އެއްޗެއް ބްރޯޑްކާސްޓްކޮށްފި ނަމަ އެފަދަ ކަމެއް ކުރި ބްރޯޑްކާސްޓަރެއްގެ ލައިސަންސް ބާތިލުކުރާނެ ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން އިންޒާރުދީފިއެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ބޭއްވި ނޫސްކޮންފަރެންސެއްގައި އެކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާ ވާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށް ކޯޑް އޮފް ޕްރެކްޓިސްގައި ވެސް އޮންނާނެ ކަމަށެވެ.
".... ބްރޯޑްކާސްޓަރުންގެ ގަވައިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ގައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްކޮށްފި ނަމަ ބްރޯޑްކާސްޓްކުރުމަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމުގެ އިހުތިޔާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެ ފިޔަވަޅު އަޅާނެ ކަމުގައި ވެސް ހުރިހާ ބްރޯޑްކާސްޓަރުންގެ މައުލޫމާތަށް ޓަކައި ދަންނަވަން،" ބްރޯޑްކާސްޓިން ކޮމިޝަނުގެ ފަރާތުން އެކޮމިޝަނުގެ ރައީސް ޝަހީބު އިއްވެވި ބަޔާނުގައި ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ސަބަބާ ގުޅުން ހުރި މައުލޫމާތެއް ހާމަކުރަން ވާނީ ކަމާ ބެހޭ ރަސްމީ އިދާރާއަކުން ކަށަވަރުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުން އިހުތިރާމް ކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ.
"...ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ސަބަބާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް ބްރޯޑްކާސްޓަރުން ހާމަކުރަންވާނީ ކަމާ ބެހޭ ރަސްމީ އިދާރާއަކުން ކަށަވަރުކުރުމަށް ފަހުގައި ކަމަށް ވެސް މިފުރުސަތުގައި ހުރިހާ ބްރޯޑްކާސްޓަރުންނަށް ބްރޯޑްކާސްޓް ކޮމިޝަނުން އަންގަން. އަދި ޑިމޮކްރަސީއެއްގެ މައިގަނޑު އަސާސްކަމުގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ނޫސްވެރިކަމުގެ މިނިވަންކަމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް އެއްބާރުލުން ދެއްވުމަށް ވެސް މިފުރުސަތުގައި މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުން އިލްތިމާސްކުރުން،" ބަޔާން އިއްވަވަމުން ޝަހީބް ވިދާޅުވިއެވެ.