04 Nov 2015, 16:10
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ގާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިދީފައިވާ ބައެއް ހައްގުތައް ހިފަހައްޓަވައިފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު އިއްވަވައިފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތާ އެކު ގާނޫނު އަސާސީގެ 19 ވަނަ މާއްދާ އިން ލިބިދީފައިވާ މަނާކުރެވިފައިނުވާ ކަންކަން ކުރުމުގެ މިނިވަންކަމުގެ ހައްގު ވަނީ ހިފަހައްޓައިފަ އެވެ.
ގާނޫނު އަސާސީގެ 19 ވަނަ މާއްދާގައި ވަނީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ. އަދި ގާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމައެކަކުވިޔަސް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެ ކަމަށް ވެސް އެ މާއްދާގައިވެ އެވެ.
ގާނޫނު އަސާސީގެ 24 ވަނަ މާއްދާގެ ދަށުން ލިބިގެންވާ ޒާތީ ދިރިއުޅުމުގެ ހައްގު ވެސް ވަނީ ހިފަހައްޓައިފަ އެވެ. އެ މާއްދާގައި ވަނީ ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި ގޯތި ގެދޮރާއި އަނެކުންނާ ކުރާ ޒާތީ މުއާސަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ތަންތަނާއި ކަންކަމާއި ތަންތަން ކަމަށެވެ. ހަމަކޮންމެ މީހަކުމެ އަނެކުންގެ އެފަދަ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ ކަމަށް ވެސް އެ މާއްދާގައިވެ އެވެ.
ގާނޫނު އަސާސީގެ 31 ވަނަ މާއްދާ އިން ލިބިގެންވާ ހަޅުތާލު ކުރުމުގެ ހައްގު ވެސް ވަނީ ހިފަހައްޓައިފަ އެވެ. އެ މާއްދާގައި ވަނީ އިހުތިޖާޖުކުރުމަށް ޓަކައި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ހައްގު ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތްތެރީންނަށް ވެސް ލިބިގެންވާ ކަމަށެވެ.
ގާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ލިބިގެންވާ ހަޅުތާލުކުރުމުގެ ހައްގު ވެސް ވަނީ ހިފަހައްޓައިފަ އެވެ. އެ މާއްދާގައި ވަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ.
ގާނޫނު އަސާސީގެ 41 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާ ދަތުރުފަތުރު ކުރުމާއި ވަޒަންވެރިވުމުގެ މިނިވަންކަން ވެސް ވަނީ ހިފަހައްޓައިފަ އެވެ. އެ މާއްދާގެ (ހ)ގައި ވަނީ ރާއްޖެ އިން ފުރައިގެން ދިޔުމާއި ރާއްޖެ އަށް އެނބުރި އައުމާއި ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ކަމަށެވެ.
ގާނޫނު އަސާސީގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ހައްޔަރުކުރުމާއި ބަންދުކުރުން ފިޔަވައި ދެން ހުރި ހައްގުތައް ވަނީ ހިފަހައްޓައިފަ އެވެ.
ގާނޫނު އަސާސީގެ 47 ވަނަ މާއްދާގެ (ހ)ގައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި އެއްވެސް މީހެއްގެ ގަޔަށް އަތްލައި ފާސްކޮށް މީހެއްގެ އެއްޗެއް ގަދަކަމުން އަތުލައިގެން ނުވާނެ ކަމަށެވެ.
އެ މާއްދާގެ (ށ)ގައި ވަނީ ގޯތިގެދޮރާއި މީހުން ދިރިއުޅޭ ތަންތަނަކީ ހުރުމަތްތެރިވެގެންވާ ތަންތަން ކަމަށެވެ. ވަގުތުން ފިޔަވަޅެއް ނާޅައިފި ނަމަ މީހެއްގެ މުދަލަކަށް ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެ މުދަލެއް ނުވަތަ އެމީހަކު ސަލާމަތްކުރުމަށް ޓަކައި ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަލިބިގެން ނޫނީ އެއްވެސް މީހަކު ދިރިއުޅޭތަނަކަށް އެމީހެއްގެ ނުރުހުމުގައި ވަދެގެންނުވާނެ ކަމަށް ވެސް 47 ވަނަ މާއްދާގެ (ށ)ގައިވެ އެވެ.
މީގެ އިތުރުން ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އަމަލުކުރުން ވެސް ވަނީ 30 ދުވަހުގެ މުއްދަތަށް ހުއްޓާލައިފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ގަރާރުގައި ވަނީ ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރަން ބަޔަކު މަސައްކަތްކުރާ ކަމުގެ ކަށަވަރު މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަމަކީ ރައްޔިތުންގެ ފުރާނައާއި ރައްކާތެރިކަމަށް އަދި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައި ވަނީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.
އެ ގަރާރުގައި ވަނީ ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވާލި ހާދިސާއަށް ފަހު ފުލުހުންނާއި ސިފައިން ހިންގާ ޚާއްސަ އޮޕަރޭޝަންގައި ރާއްޖޭގެ ދެ ސަރަހައްދަކުން ނުރައްކާތެރި ހަތިޔާތާއި ގޮވާތަކެތި ފެނިފައިވާކަމަށެވެ. އަދިވެސް ބައެއް ހަތިޔާރުތައް ފެނިފައިނުވާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
ބަންޑާރަ ނައިބު ވިދާޅުވީ ގާނޫނު އަސާސީގެ 257 ވަނަ މާއްދާގެ ދަށުން އެ ގަރާރު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ކަމަށެވެ.
ގާނޫނު އަސާސީގެ 257 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ދައުރެއްގައި އެ ގަރާރު ހުށަހަޅައިފި ނަމަ ބަންދު ދުވަސްތައް ވެސް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި އެ ގަރާރު ފާސްކުރަން މަޖިލީހަށް ހުށަހަޅަންވާނެ އެވެ.
އެ ގަރާރު އެއްކޮށް ފާސްނުކޮށް އޭގެ ވަކި ބައެއް ފާސްކުރުމުގެ ބާރު ވެސް ރައްޔިތުންގެ މަޖިލީހަށް ވަނީ ގާނޫނު އަސާސީން ލިބިދިފަ އެވެ.
ބަންޑާރަ ނައިބު ވިދާޅުވީ އެ ގަރާރުގެ ދަށުން ހައްގުތައް ހިފަހައްޓާނީ އެހާލަތެއްގައި އެހައްގެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓަން ޖެހޭ މިންވަރަށް ކަމަށެވެ.
ކާފިޔު ހިންގުމާއި ވަކިވަގުތެއްގައި ބޭރަށް ނުކުތުން މަނާކޮށްފައިނުވާނެ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ.