02 Apr 2011, 11:22
މިދިޔަ އާދީއްތަ ދުވަހު އާއިލާއާ ބެހޭ ކޯޓަށް ހާޒިރު ކޮށްފައި ހުއްޓައި، ކޯޓުގެ ކުޑަދޮރަކުން ފުންމާލައިގެން ފިލި، 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ ފިރިހެންމީހާ ހޯދުމުގެ ޚާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި، ވައްކަމާއި މަސްތުވާތަކެތީގެ ތަފާތު މައްސަލަތަކެއް ސާބިތުވެގެން ދިގުމުއްދަތަކަށް ޖަލަށް ހުކުމްކޮށްފައިހުރި މއ. އާފަލުގޭ މުހައްމަދު މުޖްތަބާ ފިލައިފައިވަނީ ވަރި ސާބިތު ކުރުމުގެ މައްސަލަ އެއްގައި ފެމިލީ ކޯޓަށް ހާޒިރު ކޮށްފައި ވަނިކޮށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އޭނާއަކީ މުޖުތަމައަށް ނުރައްކާތެރި މީހަކަށް ވާތީ އޭނާ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މުޖްތަބާ އަކީ މީގެ ކުރިން ވެސް އެކިފަހަރު މަތިން ޖަލު ބަންދުގައި ހުއްޓައި ފިލާފައިވާ މީހެއް ކަމަށާއި ފިލައިގެން އުޅޭއިރު އޭނާ ސިފަ ބަދަލުކުރާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
މިފަހަރު މުޖްތަބާ ފިލައިފައިވަނީ، އޭނާގެ އަތުގައި 3.48 ކިލޯގެ މަސްތުވާތަކި ބެހެއްޓުމާއި ބޭނުން ކުރުމުގެ މައްސަލައެއް ސާބިތުވެގެން، 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށެވެ. މީގެ އިތުރުން ވެސް މަސްތުވާތަކެތީގެ މައްސަލަ އެއްގައި ދެ ފަހަރު މަތިން 12 އަހަރުގެ ޖަލު ހުކުމެއް މުޖުތަބާގެ މައްޗަށް ކޮށްފަ އެވެ. އަދި ވައްކަމުގެ މައްސަލަ އެއްގައި އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ވެސް ވަނީ ކޮށްފަ އެވެ.