03 Nov 2015, 22:35
ސްޓޭޓް ބެންކް އޮފް އިންޑިއާ(އެސްބީއައި) އިން ޓުރެވަލް ކާޑެއް ތައާރަފްކޮށްފި އެވެ.
މިރޭ ތައާރަފްކުރި އެޓްރެވަލް ކާޑާއި ގުޅޭ ގޮތުން އެސްބީއައިގެ އޮފިޝަލަކު ވިދާޅުވީ އެކާޑުގެ ބޭނުމަކީ ދަތުރުތައް ކުރައްވާ ފަރާތްތަކުން ފައިސާ ގެންދިއުމުގެ ބަދަލުގައި ކާޑެއް ގެންގޮސް ރާއްޖެ އިން ބޭރުގައި ފައިސާ ހަރަދު ކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ. އެގޮތުން ރާއްޖެ ފިޔަވައި އެހެން ހުރިހާ ގައުމެއްގައި އެކާޑު ބޭނުން ކުރެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ރީލޯޑްކޮށްގެން ބޭނުންކުރާ އެކާޑުން 50 ޑޮލަރާއި 10000 ޑޮލަރާއި ދެމެދުގެ އަދަދުތަކުން ރީލޯޑްކޮށްގެން ބޭނުން ކުރެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެޓުރެވަލް ކާޑުން ދުވާލެއްގެ މައްޗަށް 5000 ޑޮލަރު ޕީއޯއެސްތަކާއި އޮންލައިން ވިޔަފާރިއަށް ބޭނުން ކުރެވޭއިރު އޭޓީއެމްތައް މެދުވެރިކޮށް 2000 ޑޮލަރު ނެގެ އެވެ.
އެސްބީއައިގެ އޮފިޝަލް ވިދާޅުވީ އެ ބޭންކުގައި އެކައުންޓެއް ނެތް ފަރާތްތަކަށް ވެސް އެކާޑު ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.