ރާއްޖޭގެ އިގްތިސާދާ ގުޅުން ހުރި މައުލޫމާތު ލިބޭ އެޕްލިކޭޝަންއެއް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފުކޮށްފި އެވެ.

"ވިޔަ" ނަމުގައި އެމްއެމްއޭ އިން މިރޭ ތައާރަފްކުރި އެ އެޕްލިކޭޝަން އިން ރާއްޖޭގެ އިގްތިސާދާ ގުޅޭ މުހިންމު މައުލޫމާތުތައް ލިބިގެންދެ އެވެ. އޭގެ ތެރޭގައި އިންފުލޭޝަން ރޭޓާއި ޓޫރިސްޓުން އައި މިންވަރު ފަދަ މުހިންމު މައުލޫމާތުތައް ހިމެނެ އެވެ. އޭގެ ތެރޭގައި ތަފާތު ތަފާސް ހިސާބުތަކުގެ މައުލޫމާތުތަކާއި ގުރާފުތައް މެދުވެރިކޮށް އިގްތިސާދާއި ގުޅުންހުރި މައުލޫމާތު ހިމެނެ އެވެ.

އެންޑްރޮއިޑް ވާޝަން އާ އެކު މިރޭ ތައާރަފްކުރި އެއެޕްލިކޭޝަންގެ އެޕަލް ވާޝަން ވެސް ވަރަށް އަވަހަށް ތައާރަފްކުރެވިގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އެމްއެމްއޭ އިން މިރޭ ވަނީ މާލީ ހިދުމަތްދޭ ތަންތަނާއި ގުޅުން ހުރި ޝަކުވާތައް ހުށައެޅުމަށް ހިލޭ ގުޅެ ހޮޓްލައިންއެއް ވެސް ތައާރަފްކޮށްފަ އެވެ. އެހޮޓްލައިންއަކީ 1444 އެކެވެ.

އެހޮޓްލައިން ތައާރަފް ކުރުމަށް ފަހު އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނާ އައިޝަތު ޒާހިރާ ވިދާޅުވީ އެހޮޓްލައިންގެ މަގުސަދަކީ މާލީ ހިދުމަތްފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ. އެމްއެމްއޭ އަށް ޝަކުވާ ހުށައެޅޭތާ ތިން ދުވަސްތެރޭ ލިޔުމަކުން އެފަރާތަކަށް ޖަވާބް ދޭނެ ކަމަށްވެސް ޑެޕިއުޓީ ގަވަރުނާ ވިދާޅުވި އެވެ.