ނިއުދިއްލީ (އޭޕީ)- އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިދިޔަ އަހަރު އިންޓަނޭޝަނަލް ޓެކްސީ ބުކިން ޚިދުމަތެއް ކަމަށްވާ އިބާ ޓެކްސީ ސާވިސްގެ ޑްރައިވަރަކު އޭނާގެ ޓެކްސީގައި ދަތުރުކުރި އަންހެން ފަސިންޖަރަކު ރޭޕް ކުރިކަމުގެ ކުށް ސާބިތުވެ އެ ޑްރައިވަރު އުމުރު ދުވަހަށް ޖަލަށްލާން އިންޑިއާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

މީގެ ކުރީން ބޭއްވި އަޑުއެހުންތަކުގައި އެ މައްސަލަ ބެލި ކޯޓުގެ ފަނޑިޔާރު ވަނީ، 32 އަހަރުގެ ޝިވް ކުމާރު ޔާދާވް ކިޔާ އެ ޑްރައިވަރުގެ މައްޗަށް ރޭޕް ކުރުމާއި ބިރުދެއްކުމާއި ރަހީނުކުރުމުގެ އިތުރުން އަންހެންމީހާގެ ފުރާނައަށް ނުރައްކާކުރިކަމުގެ ކުށް ސާބިތުވާކަށް ކަނޑައަޅައިފަ އެވެ.

ރޭޕްކުރުމުގެ މި ހާދިސާ ހިނގާފައި ވަނީ، އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކުރާ އަންހެން މީހާ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ގެއަށް ދިއުމަށް ޓަކައި އިބާ ޓެކްސީގެ އެޕް ބޭނުންކޮށްގެން ކުއްޔަށް ނެގި އެ ޓެކްސީގައި ދަތުރުކުރި މަގުމަތީގަ އެވެ.

ރޭޕްގެ މި މައްސަލައިގެ ސަބަބުން، ދުނިޔޭގެ 250 ސިޓީއެއްގައި އޮންލައިން އެޕްލިކޭޝަން ބޭނުންކޮށްގެން ޓެކްސީ ކުއްޔަށް ދޫކުރާ އިބާ ޓެކްސީގެ މަގުބޫލުކަމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

ނިއުދިއްލީގެ ސަރުކާރުން ވަނީ، ރޭޕްގެ އެ ހާދިސާއަށް ފަހު، އެޕްލިކޭޝަންގެ އެހީގައި ޓެކްސީ ކުއްޔަށްދޫކުރާ އެ ކުންފުނީގެ ހިދުމަތް ދިއްލީގައި މަނާކޮށްފަ އެވެ. އަދި އިބާ ޓެކްސީއަށް ދޫކޮށްފައިވާ ލައިސަންސް އަތުލުމަށް ފަހު ލައިސަންސް އަނބުރާ ދިނީ މިއަހަރުގެ ޖުލައި މަހުގަ އެވެ.