ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިންޒާރުގެ މެސެޖް ފޮނުވާ ކަމުގެ ތުހުމަތުގައި ހއ. ބާރަށުން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އެރަށު ސީރީޒްގޭ އަހްމަދު ޔާމީނެވެ.

އޭނާ ހައްޔަރުކުރުމަށްފަހު ފުލުހުން ވަނީ އޭނާގެ ގެ ކަމުގައިވާ ސީރީޒުގެއާއި އެރަށު ރޯޝަނީ މަންޒިލް ބަލައިފާސްކޮށްފައެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްފައިވާ ކޯޓު އަމުރުގައި ވަނީ އަހުމަދު ޔާމީން ހޯދަން ބޭނުން ވަނީ އޭނާގެ ނަމުގައު ރެޖިސްޓްރީ ކޮށްފައިވާ ނަމްބަރަކުން ރައީސް ޔާމީނަށް އިންޒާރުދީ މެސެޖް ފޮނުވާތީ ކަމަށެވެ. އަދި އޭނާ ހޯދަމުން ދަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.

ރައީސް ޔާމީނަށް އިންޒާރުދީ މެސެޖް ފޮނުވާ މައްސަލަ ބަލަމުން ދަނީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުންނެވެ.

ރައީސްއަށް އިންޒާރުގެ މެސެޖް ފޮނުވާކަމުގެ ތުހުމަތުގައި މީހަކު ހޯދަމުން މިދަނީ ރައީސް ޔާމީން ދަރުކުރައްވާ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ބޮޑެތި އަނިޔާތަކެއް ވެސް ވެފައިވާ ދަނޑިވަޅެއްގަ އެވެ.