މޮސްކޯ (ނޮވެމްބަރު 3): މިދިޔަ ހޮނިހިރު ދުވަހު މިސްރުގެ ސައިނާ ސަރަހައްދަށް ވެއްޓުނު ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓަށް ރޮކެޓެއްފަދަ ބޭރުގެ ހަމަލާއެއް އަރާފައި ވާކަން އެބޯޓުގެ ކަޅުފޮށީގެ ތަހްލީލުތަކުން ނުފެންނަ ކަމަށް ތަހުގީގު ޓީމުން ބުނިނަމަވެސް މިކަން ގަބޫލުކުރުމަށް އެ ބޯޓު ނިސްބަތްވާ ރަޝިއާގެ ކުންފުނި ކަމަށްވާ "ކޮގަލިމާވިޔާ" އިން ފަސްޖެހިއްޖެއެވެ.

"ކޮގަލިމާވިޔާ" ކުންފުނީގެ މަސްއޫލުވެރިއަކު ވިދާޅުވީ، އެބޯޓުގައި އެއްވެސް ކަހަލަ ފަންނީ މައްސަލައެއް އުޅޭކަންވެސް ކަޅުފޮށީގެ ތަހްލީލުތަކުން ހާމަ ނުވާކަމަށާއި ނަމަވެސް ބޯޓު ވެއްޓުމުގެ ކުރިން ޖައްވުގައި އެބޯޓު ދެފަޅިއަށް ފަޅައިގެން ދިޔަކަމަށް މުހައްގިގުން ލަފާކުރުމަކީ ބޯޓުގެ ބޭރުން އައި ކޮންމެވެސް ޙަމަލާއެއް އެބޯޓަށް އެރުން ނޫންއެހެން ގޮތަކަށް ބެލެވޭނެ ގޮތެއް ނެތްކަމަށެވެ.

މި ބޯޓު ވެއްޓުނު ސަބަބު ހޯދުމަށް ހަރަކާތްތެރިވަމުންދާ ރަޝިއާއާއި މިސްރާއި ޖަރުމަނާއި ފަރަންސޭސިވިލާތާ އަދި އެއާބަސް ކުންފުނީގެ ތަޖްރިބާކާރުންވަނީ ބޯޓު ވެއްޓުމުގެ ކުރިން އެބޯޓު ޖައްވުގައި ދެފަޅިއަށް ފަޅައިގެން ދިޔަކަމަށް ބެލެވޭ ހެކިތައް ފެންނަން ހުރިކަން ބަޔާންކޮށްފައެވެ. ނަމަވެސް ކަޅު ފޮށީގައިވާ ބަޔާންތައް ތަހްލީލުކޮށްގެން މިކަން އަދި ސާބިތު ނުކުރެވޭކަމަށް މުހައްގިގުންގެ ޓީމުން ބުނެއެވެ. އެޓީމުން ބުނީ ބޭރުން އައި ހަމަލާއެއް އެބޯޓަށް އެރިކަމުގެ އެއްވެސް އަޑެއް އަދި އިޝާރާތެއް އެބޯޓުގެ ކަޅުފޮށީގެ ދެފޮށީގެ ފުރަތަމަ ތަހްލީލްތަކުން މިހާތަނަށް ފެންނަން ނެތްކަމުގައެވެ.

އެއާބަސް އޭ 321 މަރުކާގެ މިބޯޓު ވައްޓާލީ މިސްރުގެ ސައިނާ ގައި ހަރަކާތްތެރިވާ އައިއެސްއަށް ނިސްބަތްވާ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ "ވިލާޔަތު ސައިނާ"ގެ ހަނގުރާމަވެރިންކަމަށާއި މިއީ ރަޝިއާ އާ ދެކޮޅަށް ހިންގި ބަދަލުހިފުމުގެ އަމަލެއްކަމަށް އައިއެސް ޖަމާއަތުން ބުނެފައިވެއެވެ.

މިބޯޓު ވެއްޓުމުގެ ޙާދިސާގައި އެ ބޯޓުން ދަތުރުކުރި އެންމެން (224 މީހުން) މަރުވެފައިވާއިރު މި ހިތާމަވެރި ޙާދިސާގެ ފަހަތުގައި އައިއެސް ޖަމާއަތް އޮތްނަމަވެސް އަދި ނެތްނަމަވެސް އެބޯޓު ވެއްޓުމުގެ ޙާދިސާގެ ސަބަބުތައް އޮޅުން ބޮޅުންކޮށްލައި ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމް ބިރުވެރި ކަމެއްގެ ތެރެއަށް ވައްޓާލުމުގައި އައިއެސް ޖަމާއަތްވަނީ މަގްސަދު ޙާސިލްކޮށްފައެވެ.

އައިއެސްއަކީވެސް ރަޝިއާ އާއި އެމެރިކާއިން ސޫރިޔާއަށް ދޭ ވައިގެ ޙަމަލާތަކުގައި އާންމުން މަރަމުން ގެންދާގޮތަށް އެގައުމުގެ ކުށެއްނެތް ޢާންމުން މަރަމުން ގެންދާ ފަރާތެކެވެ. މީގެއިތުރުން އައިއެސްއަކީ އެޖަމާއަތުގެ އަތްދަށުގައިވާ މުސްލިމް އަސީރުންނާއި ޣައިރު މުސްލިމް އަސީރުންވެސް އަލިފާނަށް ލައިގެންއަންދައި އަދި ބަދަލު ހިފުމުގެ ގޮތުން އަސީރުންގެ ކަރުބުރިކޮށް އެމީހުން ކަތިލަމުން ގެންދާ ޖަމާއަތެއްވެސް މެއެވެ.

އަނެއްކޮޅުން ރަޝިއާއިން މުސްލިމުން މަރާތީ ރަޝިއާއާ ދެކޮޅަށް ބަދަލުހިފި ކަމަށް އައިއެސްއިން ބުނާއިރު ފަލަސްތީނުގެ މުސްލިމުން އެންމެ ގިނައިން މަރައި މާތްވެގެންވާ މަސްޖިދުލްއަގްޞާއަށް ގޯނާކުރަމުން ގެންދާ ޔަހޫދީ ޒަޔަނިސްޓް އިސްރާއީލާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރުމުގެ އިތުރުން އިސްރާއީލާ ދެކޮޅަށް ބަޔާނެއްހާ ހިސާބުވެސް އައިއެސްއިން ނުނެރުމަކީ އެޖަމާއަތަކީ އިސްލާމީ ދުނިޔެ ހަލާކު ކުރުމަށްޓަކައި އިސްރާއީލުން އުފައްދާފައިވާ އުފެއްދުމެއްކަމަށް އިސްލާމީ ދުނިޔޭގެ ގިނަ ބަޔަކު ޝައްކުކުރާ މައިގަނޑު ސަބަބެވެ. މީގެއިތުރުން އައިއެސްގެ އަމާޒު ހުރީވެސް އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ޙަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތްތައްފަދަ ފަލަސްތީނުގެ އިސްލާމީ ފިކުރުގެ ޖަމާއަތްތައް ނައްތާލުމަށެވެ.

ރަޝިޔާގެ ފަސިންޖަރު މަތިންދާ ބޯޓު ވެއްޓިފައިވަނީ 30 ހާސް ފޫޓުގެ މަތިންކަމަށްވާއިރު އެހާ މައްޗަށް ހަމަލާ ދެވޭވަރުގެ ރޮކެޓާއި މިސައިލް އައިއެސް ޖަމާއަތުގެ އަތުގައާއި އެޖަމާއަތަށް ނިސްބަތްވާ އެހެން ޓެރަރިސްޓް ޖަމާއަތްތަކުގެ އަތްދަށުގައިވެސް ނުހުންނާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. އައިއެސްގެ ހަނގުރާމަވެރިންގެ ބޮލަށް ކޮންމެ ދުވަހަކު ބޮންއަޅާ އެމެރިކާއާއި ރަޝިޔާއާ އަދި ސޫރިޔާ ސަރުކާރުގެ އަސްކަރީ މަތިންދާބޯތުތައް މާތިރިން އުދުހެމުންދާއިރުވެސް އެއިން ބޯޓެއް އެޖަމާއަތަށް ވައްޓާނުލެވުމަކީ މީގެ ހެއްކެއް ކަމަށް ތަޖްރިބާކާރުން ދެކެއެވެ.

ސައިނާ ސަރަހައްދަށް ވެއްޓުނު ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓަށް އައިއެސްގެ ހަމަލާއެއް ނާރާނެ ކަމުގެ ޔަގީންކަން އަސްކަރީ ތަޖްރިބާކާރުން ދޭއިރު އެ ބޯޓު ވެއްޓިފައިވަނީ އޭގައި ކުރިން ހަރުކޮށްފައިވާ ބޮމެއް ގޮވައިގެން ނޫނީ ފަންނީ ސަބަބުން ކަމަށް ލަފާކުރެވޭކަމަށްވެސް ތަޖްރިބާކާރުން ބުނެއެވެ. އަދި އެބޯޓުގެ ދެ ކަޅުފޮށި ފުރިހަމައަށް ތަހްލީލް ކޮށް ނިމުމުން ބޯޓު ވެއްޓޭން މެދުވެރިވި ސަބަބު އެނގިގެންދާނެ ކަމަށްވެސް މިފަރާތްތަކުން ބުނެއެވެ. (ނޫސްއެޖެންސީތައް)