02 Apr 2011, 10:23
އެމެރިކާގެ ކުރިސްޓިއަން ޕެސްޓަރަކު ކީރިތި ޤުރުއާންގެ ކޮޕީއެއް އަންދާލިކަމުގެ ހަބަރު ލިބިގެން އަފްޣާނިސްތާންގައި އިއްޔެ ކުރި މުޒާހަރާއެއް ހޫނުވެ އ.ދގެ ދެ މުވައްޒަފެއް އަތުލައިގަނެ އެމީހުންގެ ބޯ ކަނޑާލައިފި އެވެ.
އެމެރިކާ އިން އަފްޣާނިސްތާން އަޅުވެތިކުރިފަހުން އެންމެ ހަމަހިމޭންކޮށް އޮތް އެއް ރަށް މަޒާރޭ ޝަރީފުގައި އިއްޔެގެ ހުކުރު ނަމާދަށް ފަހު ކުރަން ފެށި މުޒާހަރާ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ، މުޒާހަރާގެ ބައިވެރިން ވަނީ އެ ރަށުގައި ހުންނަ އދގެ އިމާރާތަށް ވަދެގަނެ ތިބި އދގެ މުވައްޒަފުންނަށް ހަމަލާދީ އޭގެ ތެރެއިން ބަޔަކު މަރާލައިފަ އެވެ.
ނަމަވެސް މަރާލީ ކިތައް މީހުން ކަން އަދި ސާފު ނުވިޔަސް އޭގެ ތެރެއިން ދެ މީހެއް މަރާލީ ބޯ ކަނޑާލައިގެންކަމަށް ނަން ހާމަ ނުކުރާ އަފްޣާނިސްތާން ފުލުހަކާ ހަވާލާދީ އިނގިރޭސިވިލާތުގެ ޑެއިލީމެއިލް ބުނެ އެވެ.
މުޒާހަރާ ކުރިމީހުން އ.ދގެ އިމާރާތުގެ ތެރެއަށް ވަދެފައި ވަނީ އެތަނުގެ ބޭރުގައި ތިބި ގާޑުންގެ އަތުގައި ހުރި ހަތިޔާރު ގަދަކަމުން އަތުލައިގަނެގެންނެވެ.
އަފްޣާނިސްތާންގައި ހުންނަ އދ. އޮފީހަށް އިއްޔެ ދިން ހަމަލާގައި މަރުވެފައި ވަނީ ނޯވޭ އާއި ސްވިޑުން އަދި ނޭޕާލްގެ ރައްޔިތުން ކަމަށް އަފްޣާނިސްތާންގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ.
އެމެރިކާގެ ކްރިސްޓިއަން ޗާޗެއްގެ ޕެސްޓަރެއްކަމަށްވާ ޖޯން ޓެރީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ކީރިތި ޤުރުއާންގެ ކޮޕީއެއް އަންދާލާފައިވާ ކަމުގެ ހަބަރު އަފްޣާނިސްތާނާއި ޕާކިސްތާންގައި ފެތުރިފައި ވަނީ އިއްޔެ އެވެ. އެކަމާ ގުޅިގެން އެ ދެ ގައުމުގައި ވެސް އިއްޔެ މުޒާހަރާކޮށްފައި ވާއިރު އެ މައްސަލާގައި އިސްލާމީ އެއްވެސް ގައުމެއްގެ ސަރުކާރުން އަދި އެއް ވެސް ބަހެއް ބުނެފައިވާކަމުގެ ހަބަރެއް ނުލިބެ އެވެ.