ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައަޅައި ގާނޫނު އަސާސީ އަށް ގެނައި އިސްލާހު ކުރީން އޮތް ގޮތަށް އަލުން ބަދަލު ކުރުމަށް މަޝްވަރާ ކުރި ކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ވާހަކަ ޕީޕީއެމް ޕީޖީ ގުރޫޕުން ދޮގުކޮށްފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މިއަދު ވިދާޅުވީ، އެ ފަދަ މަޝްވަރާ އެއް ޕީޖީ ގުރޫޕުގައި ކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ގެ ޕީޖީ ގުރޫޕުގައި އެފަދަ މަޝްވަރާއެއް ކުރެވިފައެއް ނެތް. އަދި އެފަދަ މައްސަލައެއް އަދި މިހާތަނަށް އެޖެންޑާ ކުރެވިފައެއްވެސް ނެތް. މިއަދުގެ ބައްދަލުވުމުގައި ވާހަކަދެކެވުނީ ބައެއް ބިލުތަކާ ގުޅޭ ގޮތުން،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ދުވަސްވަރު މެންބަރުން ފަރުދީ ގޮތުން ތަފާތު ޚިޔާލުތައް ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލައާ ގުޅޭ ގޮތުން ގެންގުޅޭނެ ކަމަށާއި އެހެން ނަމަވެސް އެ ފަދަ އިސްލާހެއް ގާނޫނު އަސާސީއަށް ގެނައުމުގެ ވާހަކަ ރަސްމީ ސިފައެއްގައި އެއްވެސް ވަރަކަށް ދެކެވިފައި ނުވާ ކަމަށެވެ.