03 Nov 2015, 17:13
(އެއްވަނަ ބައި)
އިސްލާމްދީން ވަނީ ކޮންމެހެން ބޭނުންވާ ޙާލަތްތަކުގައި އެއްއަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުމުގެ ހުއްދަ ދީފައެވެ. އަނބީންގެ މެދުގައި ޢަދުލުވެރިވުމުގެ ޝަރުޠާ އެކުގައެވެ. ކަނޑައެޅިފައިވާ އަދަދަކަށެވެ. އިސްލާމްދީން މުސްލިމް ފިރިހެނަކަށް ހުއްދަ ދެނީ އެންމެ ގިނަވެގެން އެއްފަހަރާ ހަތަރު މީހުނާ ކާވެނި ކުރުމަށެވެ. ނަމަވެސް، މި ޙުކުމް ބާވައިލެއްވިއިރު އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمގެ އަނބިއަނބިކަނބަލުންގެ މަގާމުގައި ތިއްބެވި ބޭބޭކަނބަލުންأمّهـات المـؤمنـينގެ މަގާމުގައި ބައިތިއްބެވުމުގެ ހުއްދަ ދިނެވެ. އެއިން ބޭކަނބަލެއްގެ ބަދަލުގައިވެސް އެހެން ބޭކަނބަލަކާ ކާވެނި ބައްލަވައިގަތުން އެމާތް ސާހިބާއަށްވެސް ހުއްދައެއް ނުކުރެއެވެ. ކައުސާހިބާގެ އަނބިއަނބިކަނބަލުންނަކީ އުންމަތުގެ މަންމައިން ކަމުގައި އަރަހުށި މާތްاللّـهކަނޑައަޅުއްވައިފައިވާތީއެވެ. އިތުރު ސާހިބާއަށްފަހު އެއިން ބޭކަނބަލަކާ ކާވެނިކުރުން އެއްވެސް މުސްލިމަކަށް ހުއްދަ ކަމަކަށް ނުވާތީއެވެ. އެހެންކަމުން، އިތުރު ސާހިބާصلّى اللّـه عليه وسلّمގެ އަނބިއަނބިކަނބަލުން، އެބޭކަނބަލުންގެ މަޤާމުގައި އަރަހުށި މާތްاللّـهދެމެހެއްޓެވީ، އެބޭކަނބަލުންގެ ޙިމާޔަތާއި ރައްކާތެރިކަށްޓަކައެވެ.
ނަމަވެސް، އިސްލާމްދީނުގެ ޢަދުއްވުން މި މައްސަލަ ވަނީ އިސްލާމްދީނާ ދެކޮޅަށް ފަތުރާ ވަރަށްބޮޑު ޕްރޮޕަގެންޑާއަކަށް ހަދައިފައެވެ. އިސްލާމްދީން އެކަކަށްވުރެ ގިނަ މީހުނާ ކާވެނިކުރުމުގެ ހުއްދަދީ، އަންހެނުންގެ ޢިއްޒަތާއި ޢިއްފަތް ނަގައިލައިފައިވާކަމަށް ބުނެ، ޙަޤީޤަތާ ޚިލާފަށް އަޑު ފަތުރައިފައެވެ. ޚާއްޞަކޮށް އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއެކަކަށްވުރެ ގިނަބޭކަނބަލުންނާ އެއްފަހަރާ ކާވެނި ބައްލަވައިގެން އިންތިހާދަރަޖައިގެ ޝަހުވަތްތެރި ދިރިއުޅުއްވުމެއް އުޅުއްވައިފައިވާކަމަށް ވާހަކަ ދައްކައިފައިވެއެވެ. އިސްލާމްދީން ފާޅުވުމަކީ ޖިންސިއްޔަތު އާލާވުމުގެ ފެށުން ކަމުގައި ވާހަކަ ދައްކައިފައެވެ.(نَعُـوذُ بِـااللّـهِ مِـنْ ذالكَ)މިވާހަކަތައް ފަތުރަމުން ގެންދާއިރު، އެހެނިހެން ދީންތަކާއި، ކުރީގެ ޘަޤާފަތްތަކުގައި މިކަން އޮތްގޮތް ކުޑަކޮށްވެސް ބަލައެއް ނުލައެވެ. އިސްލާމްދީން އެކަކަށްވުރެ ގިނަމީހުނާ އެއްފަހަރާ ކާވެނިކުރުމުގެ ހުއްދަ ދިނީ ކީއްވެގެންކަމެއް ބަޔާނެއް ނުކުރެއެވެ. އިސްލާމްދީނުގެ ނަބިއްޔާ ގިނަ ކާވެނިފުޅުތަކެއް ކުރެއްވުމުގެ ސަބަބަކީ ކޮބައިތޯ ބަލައެއް ނުލައެވެ. އިސްލާމްދީނުގެ ޢަދުއްވުން މިވާހަކަތައް ފަތުރަމުން ގެންދަނީ، އެއްވެސްކަހަލަ ހަމައެއް ނަމައެއް ނެތިއެވެ. ކުޑަވެސް އިންޞާފެއް ނެތިއެވެ. އިންތިހާދަރަޖައިގެ ތަޢައްޞުބާ އެކުގައެވެ.
ޙަޤީޤަތަށް ނަޒަރު ހިންގާއިރު، އެކަކަށްވުރެ ގިނަމީހުނާ އިނުމަކީ އިސްލާމްދީން އުފެއްދި މައްސަލައެއް ނޫނެވެ. އެކަމުގެ ދޮރު ހުޅުއްވައިލެއްވީ، އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއެއްވެސް ނޫނެވެ. އިސްލާމްދީން އައުމުގެ މާކުރިއްސުރެ ދުނިޔޭގައި މި މައްސަލަ އޮތްގޮތާއި، އިސްލާމްދީނުގެ ނަބިއްޔާގެ ކުރިން ދުނިޔެއަށް ވަޑައިގެންނެވި ނަބީބޭކަލުންގެ ޒަވާޖީ ޙަޔާތްޕުޅަށް އަލިއަޅުވައިލައިގެން ޢަދުއްވުންގެ ނީހަވެތި މި ޙަމަލައިން އިސްލާމްދީނާއި، އެދީނުގެ ނަބިއްޔާ ނުހަނު ފުރިހަމަޔަށް ދިފާޢު ކުރެވިދާނެއެވެ. މާތްاللّـهގެ ޙަޟުރަތުން ތައުފީޤު އެދިހުރެ، އަޅުގަނޑު މިކުރިމަތިލަނީ އެ މަސައްކަތަށެވެ.
ކުރީގެ ޤައުމުތަކާއި ދީންތަކުގައި އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުން
ކުރީގެ ދީންތަކާއި އެކިއެކި ޤައުމުތަކުގެ ދީނީ ޤާނޫނުތަކާއި ތާރީޚީ ސަނަދުތަކުން މިކަމުގެ ޙަޤީޤަތް ބަލައިލުމުން، ކަނޑައެޅިގެން އެނގޭގޮތުގައި އިސްލާމްދީން އައުމުގެ މާކުރިންވެސް އެކިއެކި ދީންތަކާއި، އެކިއެކި ޤައުމުތަކުގައި އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުން އޮތީ ޢާއްމުވެފައެވެ. ފަރަންސޭސި މުޙައްޤިޤު ގުސްތާއޮލީބާން އޭނާގެ ތަޞްނީފެއް ކަމުގައިވާ ޢަރަބީންގެ ތަމައްދުނު (Civilization De Arabs) ގައި، އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުމާމެދު ބަޙުޘު ކުރައްވަމުން ލިޔުއްވައިފައިވެއެވެ.
"ޔޫރަޕުގެ މުއައްރިޚުންގެ ނަޒަރުގައި އެއް އަނތްބަށްވުރެ ގިނަ އަނބީންނަށް މީހުނާ އިނުމަކީ އިސްލާމީ ޢިމާރާތުގެ ބިންގާ ކަހަލައެވެ. އެމީހުން ބުނާގޮތުގައި، އެކަމަކީ އިސްލާމްދީން ފެތުރުމުގެ ވަރަށް މުހިންމު ސަބަބެކެވެ."
ނަމަވެސް އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުމަކީ އިސްލާމީ ރަސްމުތަކާ މުޅިން ތަފާތު ކަމެކެވެ. އިރުމަތީގެ ޤައުމުތައް ކަމުގައިވާ ޔަހޫދީންނާއި، އީރާނީންނާއި، ޢަރަބީންނާއި، އެނޫންވެސް އެތައް ބައެއްގެ ތެރޭގައި އެކަމަކީ ކުރީއްސުރެ ޢާއްމުވެފައިއޮތް ކަމެކެވެ. ޤައުމުތައް އިސްލާމްދީން ޤަބޫލުކުރުމުގައި ޚާއްޞަކޮށް އެކަމުގެ ސަބަބަކުން ވަކި ފައިދާއެއް ނުކުރެއެވެ."
އެންސައިކްލޮޕީޑިޔާ ބްރިޓޭނިކާގައި ބަޔާންކޮށްފައިވެއެވެ. އެންތްރޮޕޮލޮޖީ (ޢިލްމުލްއިންސާނު) ގެ މަޝްހޫރު މާހިރު ޖޯޖް މުރުޑޮކް (Murdock) ގެ 1949 ގެ ރިޕޯޓުގައިވާ ގޮތުން، ދުނިޔޭގެ 554 ޤައުމުގެ ތެރެއިން 415 ޤައުމުގައި އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުން (Polygamy) ޢާއްމުވެފައި އޮތްކަން ސާބިތުވެއެވެ.
(Encyclopaedia Britannica, 1983 Vol. 7, P-155)
ދުނިޔޭގެ ދީންތަކުގެ ތާރީޚާއި ދީނީ ފޮތްތައް ނުހަނު ޢަދުލުވެރިކަމާއެކު ހެކިދޭގޮތުގައި، ދުނިޔޭގެ ހުރިހާ ދީންތަކެއްގައިވެސް އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުމަކީ ޢާއްމު ކަމެކެވެ. ހުއްދަ ކަމެކެވެ. ދުނިޔޭގެ އިލްހާމީ ދީންތަކާއި އެނޫން ދީންތަކުގައިވެސް އެކަމަކީ ހުއްދަ ކަމެކެވެ. ޢާއްމު ކަމެކެވެ. ހަމައެކަނި އިސްލާމްދީނަށް ނުވަތަ އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއަށް އެކަން ނިސްބަތްކޮށް އިސްލާމްދީނާއި، އެ ދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمބަދުނާމުކޮށް އިތުރު ސާހިބާގެ ޢިއްފަތްތެރިކަމާއި ޢިޞްމަތްތެރިކަމުގެ ދާވަނިކޮޅުގައި ލައްޖެއްސުމަކީ ޙަޤީޤަތް ވަންހަނާކުރުމެވެ.
އިލްހާމީ ނޫން ދީންތަކުގެ ތެރެއިން އެންމެ މަޝްހޫރު، އެންމެ ފާހަގަކޮށްލަންޖެހޭ ދީނަކީ، ހިންދީ ދީނެވެ. އެ ދީނުގެ ފޮތްތަކާއި ތާރީޚު ވަނީ ހިންދީ ދީނުގައި އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުން އަބަދުވެސް ޢާއްމުވެފައި އޮތްކަމަށް އިޢުތިރާފުވެފައެވެ. ހިންދީ ދީން ހަމައެކަނި ކުރީ ޒަމާނުގައި އެކަން ހުއްދަކޮށްފައި އޮތީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ މިއަދުވެސް މުސްލިމުންނަށްވުރެ ހިންދީން އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިންނަލެއް މާގިނައެވެ. “The Position of Women in Hindu Civilization” ގެ މުޞަންނިފު ޑޮކްޓަރ އެލްޓެކަރ (Dr. A.S. Altekar) މި ޙަޤީޤަތަށް އިޢުތިރާފުވެވަޑައިގަންނަވަމުން ލިޔުއްވައިފައިވެއެވެ.
"ވެދަކު ލިޓްރެޗަރގައި އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުމާ ބެހޭގޮތުން ހުރި ޙަވާލާތައް ކަނޑައެޅިގެން މާގިނައެވެ. (ޙަވާލާދެވުނު ފޮތުގެ 1983 ގައި ދިއްލީގައި ކުރި ޗާޕުގެ 104 ވަނަ ޞަފުޙާ)
ތިރީގައި މިވަނީ، ހިންދީންގެ ދީނީ އަދި ތާރީޚީ ޝަޚްޞިއްޔަތުތަކުގެ ތެރެއިން، އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނދެފައިވާ ފަރާތްތަކުގެ ލިސްޓެކެވެ. މިއީ ހިންދީ ދީނުގައި އެކަން ޢަމަލީގޮތުން ހުއްދަވެފައި އޮތްކަމުގެ ސާބިތު ހެއްކެވެ.
ހިންދީން އެބައިމީހުންގެ "ބަގުވާނެއް" ކަމުގައި ގަބޫލުކުރާ ރާމްޗަންދަރުޖީގެ ބައްޕަ މަހާރާޖާ ދަސްރުތުގެ އެއް އަނތްބަށްވުރެ ގިނަ އަނބީން ތިއްބެވެ. އޭގެތެރޭގައި:
ޕިޓްރާނީ ކޯޝިލާ
- ރާނީ ސްމިތުރާ
- ރާނީ ކިކުނީ
ހިމެނެއެވެ. ސްރީ ކްރިޝަންޖީގެވެސް ވަރަށްގިނަ އަނބީން ތިއްބެވެ.
ރާޖާ ޗާންޑަކީ މަޝްހޫރު ޕާންޑުންގެ އިސްކާފައެވެ. އޭނާގެ ދެ އަނބީން ތިއްބެވެ. އެއީ:
ކިންތީ
މާދަރީ މިއެވެ.
ރާޖާ ޝަންތަންގެވެސް ދެ އަނބީން ތިއްބެވެ. އެއީ:
ގަންގާ
ސީތާވަތީ މިއެވެ.
ޕަޗްހައްތަރު އީރަޖުގެ ދެ އަނބީންނާއި އަނތްބެއްގެ މަޤާމުގައި ގެންގުޅުނު އަޅުއަންހެނެއް އިނެވެ. އެ ތިން މީހުންނަކީ:
އަމީކާ
- އަމްބާންކާ
- އަޅު އަންހެނެއް (ބަދުރު ބިންބިޔާސް ޖީގެ މަންނަ)
(ރަޙުމަތުއްލިލްޢާލަމީން، ޤާޟީ މުޙައްމަދު ސުލައިމާން ސަލްމާން މަންޞޫރު ޕޫރީ)
އިސްވެދެންނެވި ހިންދީންގެ އިސްފަރާތްތަކުގެ އިތުރަށް، ބަދުރު މުންނޫގެ ދިހަ އަނބީން ތިއްބެވެ. ރާޖާ ހަރީޝަން ޗަންދުރާގެ ސަތޭކަ އަނބީން ތިއްބެވެ.
(The Position of Women in Hindu Civilization, P-105)
ޑޮކްޓަރ އެލްޓެކަރ ސަންސްކުރިތު ބަހުގެ އިތުބާރުހުރި ލިޔުންތަކަށް ހަވާލާދެއްވައި ލިޔުއްވާ ގޮތުގައި، ހިންދީ މުޖުތަމަޢުގައި އެއް އަނތްބަށްވުރެ ގިނަ އަނބީންނާ ކާވެނިކުރުން ޢާއްމުވެފައި އޮތްކަމުގެ ސާބިތު ހެކި ވެދަކު އަދަބިއްޔާތުން ފެންނާން އެބަހުއްޓެވެ.
މަޝްހޫރު މުސްލިމް މުއައްރިޚު އަދި ޖޯގްރަފީގެ މާހިރުأبـوالـرّيحـان الـبيـرونـىއަކީ އިންޑިޔާގައި އެތައް އަހަރެއް ވަންދެން ދިރިއުޅުއްވި ބޭކަލެކެވެ. އޭނާ ސަންސްކްރިތު ބަސް ދަސްކުރައްވައި، އިންޑިޔާގެ ޢިލްމުތަކާއި ފަންނުތަކާއި އާދަކާދަތައް ފުރިހަމަޔަށް ދިރާސާ ކުރެއްވިއެވެ. އޭނާ ލިޔުއްވާފައިވާ "ތަޙްޤީޤު މާލިލް ހިންދި" އަކީ އެ މައުޟޫޢުގައި އެންމެންވެސް އެންމެ އިތުބާރުކުރާ އެއް ރިފަރެންސެވެ. އެފޮތުގައި ވެއެވެ.
"އިންޑިޔާގެ ބައެއް މީހުންގެ ނަޒަރުގައި، މުޖުތަމަޢުގައި އެބަޔަކު ހިމެނޭ ފަންތިއެއްގެ ގޮތުން، އެކަކަށްވުރެ ގިނަ އަނބީން ގެންގުޅެވިދާނެއެވެ. ބްރަހްމަނަކަށް ހަތަރު އަނބީންނެވެ. ޗިތުރީއަކަށް ތިންމީހުންނެވެ. ވެއިޝަކަށް ދެމީހުންނާ އެއްފަހަރާ ކާވެނި ކުރެވޭނެއެވެ. ޝޯދަރަކަށް ކާވެނި ކުރެވޭނީ އެކަކާއެވެ." (އަލްބައިރޫނީ، ކިތާބު މާލިލްހިންދި، ޞަފްޙާ: 470)
(ނުނިމޭ)