މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސީލްގެ ބަލައި ފާސްކޮށް ފުލުހުން ބައެއް ތަކެތި ގެންގޮސްފިއެވެ.

ލޮނުޒިޔާރަތްމަގު ޝަހީދު އަލީ މިސްކިތްކައިރީ ހުންނަ އެގެ ބަލައިފާސްކުރުމަށްފަހު މިއަދު ހަވީރު ފުލުހުން އެއްޗިހިތަކެއް ގެންދިޔައީ ކޮތަޅެއްގައެވެ. ނަމަވެސް ގެންދިޔައީ ކޯއްޗެއް ކަމެއް ނޭނގެއެވެ.

އެގެބަލައިފާސްކޮށްފައި ވަނީ ފޮރެންސިކް ފުލުހުންގެ ޓީމަކުންނެވެ. ބަލައިފާސްކުރަން ބަތް ފުލުހުންގެ ތެރޭގައި ތަހުގީގު ޓީމްގައި ހަރަކާތްތެރިވާ ފުލުހުން ވެސް ތިއްބެވެ. އެގެބަލައިފާސްކުރި އިރު އެސްއޯ ފުލުހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ.

ފޮރެންސިކް ޓީމުން ބޭނުންވާ ސާމްޕަލްތައް ނެގުމަށް އަސީލް ދިރިއުޅުއްވާ އެޕާޓްމަންޓުގެ ތަށިމުށިގަނޑެއް ވެސް ފުލުހުން ވަނީ ތަޅައިލައިފައެވެ.

އަސީލްގެ ގެ ކައިރީ ފުލުހުން މިއަދު ހަރަކާތްތެރި ވަނީ ---- ސަން ފޮޓޯ: އަލީ ނަސީރު

އެގެއަށް މައިންޑިޓެކްޓާއެއް ވެއްދި މަންޒަރު ވެސް ސަންގެ ނޫސްވެރިންނަށް ފެނުނެވެ.

މީގެކުރިން ވެސް ފުލުހުން ވަނީ އަސީލް ދިރިއުޅުއްވާ އެޕާޓްމަންޓު ބަލައިފާސްކޮށްފައެވެ.

ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައިގެ ތަހުގީގަށް ހޯދުމަށް ނޭޝަނަލް އިންކުއަރީ ކޮމިޝަނުން އިއުލާންކުރި މީހުންގެ ތެރޭގައި އަސީލު ވެސް ހިމެނެއެވެ.

އޭނާ އަކީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން އެޗްޑީސީގެ ޗެއާމަން ވެސް މެއެވެ.