04 Nov 2015, 17:16
ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކްލެސިކް ސައިންސް ފިކްޝަން ފްރެންޗައިޒް އެއް ކަމަށްވާ "ސްޓާ ޓްރެކް" ކުޑަ ސްކްރީނަށް ޓީވީ ސީރީޒް އެއްގެ ގޮތުގައި ގެނައުމަށް ނިންމައިފި އެވެ.
"ސީބީއެސް" އިން ސްޓާ ޓްރެކް ޓީވީ ސީރީޒެއް ގޮތަށް ނެރުމަށް ހަމައްޖައްސާފައިވާއިރު އެ ދައްކަން ފަށާނީ 2017 ވަނަ އަހަރުއެވެ. އެގޮތުން ސީރީޒްގެ ފުރަތަމަ އެޕިސޯޑު ޖެނުއަރީގައި އަޅުވާނެ ކަމަށްވެސް ސީބީއެސް އިން ވަނީ ބުނެފައެވެ.
ކްލެސިކް ސްޓާ ޓްރެކްގެ ގިނަ ބައިތަކެއް ނަގައިގެން ތައްޔާރު ކުރާ އެ ސީރީޒްގެ އެޕިސޯޑުތަކުން އާ ކެރެކްޓަރު ތައާރަފު ކުރުމަށްވަނީ ހަމަޖެހިފައެވެ.
މަޝްހޫރު ޕްރޮޑިއުސަރެއް ކަމަށްވާ އެލެކްސް ކާޓްޒްމެން ޕްރޮޑިއުސް ކުރާ އާ ސީރީޒް ނެރޭއިރު ސްޓާ ޓްރެކްގެ އޮރިޖިނަލް ފްރެންޗައިޒް އަށް 50 އަހަރު ވާނެ އެވެ. އެގޮތުން އޮރިޖިނަލް ސީރީޒް ދައްކަން ފަށާފައިވަނީ ސެޕްޓެމްބަރު 1966 ގައެވެ.
ސީބީއެސް ޓީވީއަކީ ސްޓާ ޓްރެކްގެ އޮރިޖިނަލް ސީރީޒްވެސް ދައްކާ ހިންގި ޗެނަލް އެވެ. ހަމައެފަދައިން ކާޓްޒްމަން އަކީ ފްރެންޗައިޒްގެ ގިނަ ފިލްމުތަކެއް މީގެ ކުރިންވެސް ހަދާފައިވާ މީހެކެވެ. އެގޮތުން 2013 ވަނަ އަހަރު ނެރުނު "ސްޓާ ޓްރެކް: އިންޓު ދަ ޑާކްނެސް" ހިމެނެއެވެ.
ގިނަ ފިލްމުތަކާއި ޓީވީ ޝޯތަކެއް ހަދާފައިވާ ސްޓާ ޓްރެކްގެ މިހާތަނަށް 12 ފިލްމެއް ވަނީ ނެރެފައެވެ. އަދި "ބިޔޯންޑް"ގެ ނަމުގައި އަންނަ އަހަރުވެސް ވަނީ ފިލްމެއް ނެރުމަށް ހަމަ ޖެހިފައެވެ. ސްޓާ ޓްރެކްގެ އެކި ރެންޑިޝަންތަކުގެ ހަތް ސީރީޒްވެސް ވަނީ މިހާތަނަށް ހަދާފައެވެ. އެގޮތުން އޮރިޖިނަލް ސީރީޒް 1966 އިން 1969 އަށް ދައްކާފައިވާއިރު އޭގެ ތިން ސީޒަން ވަނީ ނެރެފައެވެ.