ފުލުހުންގެ މައި އިމާރާތް، ޝަހީދު ހުސައިން އާދަމް ބިލްޑިންގާ އިންވެގެން ހުންނަ ކުރީގެ އެޓޯލްސް މިނިސްޓްރީގެ އިމާރާތުގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. ރޭ ހަތެއްޖަހާ އެހާކަންހާ އިރު ހިނގި އެ ހާދިސާގައި ރޯވެފައި ވަނީ އެ އިމާރާތުގެ ތެރޭގައި ހުންނަ ކޮޓަރިއެއްގަ އެވެ.

ކުރީގެ އެޓޯލްސް މިނިސްޓްރީގެ އިމާރާތުގައި އަލިފާން ރޯވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެމްއެމްޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން އަލިފާން ނިއްވާލުމުގެ މަސައްކަތް ފެށި އެވެ. އަދި ނުވައެއް ޖަހާއެހާކަންހާއިރު އަލިފާންގަނޑު މުޅިން ނިއްވާލާފައި ވާއިރު އަލިފާން ރޯވި ކޮޓަރި ފިޔަވައި އެ އިމާރާތުގެ އެހެން ބައިތަކަށް އަލިފާންގަނޑު ފެތުރުނަ ނުދީ ފަޔާ ޓީމުން ވަނީ ކޮންޓްރޯލްކޮށްފަ އެވެ.

ކުރީގެ އެޓޯލްސް މިނިސްޓްރީގެ އިމާރާތުގައި ރޭ އަލިފާން ރޯވި ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކޮޓަރި ހުރި ބަޔަކީ ފުލުހުންގެ ފައިސާއާ ބެހޭ ބައިގެ ލިޔެކިއުންތައް ރައްކާކޮށްފައި ހުރި ކޮޓަރިއެއްކަމަށް ސަންއަށް ވަނީ އެނގިފަ އެވެ. އެކޮޓަރީގެ ތެރޭގައި ހުރި ހުރިހާ ތަކެއްޗެއް އަނދާފައިވާ މަންޒަރު ސަންގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

އަލިފާން ރޯވި ހާދިސާ ތަހުގީގުކުރަން ކުރީގެ އެޓޯލްސް މިނިސްޓްރީގެ އިމާރާތް ކައިރިއަށް ގޮސް ތިބި ފުލުހުންގެ ފޮރެންސިކް ޓީމުން ބުނި ގޮތުގައި އަލިފާން ރޯވުމަށް މެދުވެރި ސަބަބަކާއި ލިބިފައިވާ ގެއްލުމުގެ މިންވަރާ މެދު އެއްޗެއް ބުނެވޭނީ ތަހުގީގު މުޅިން ނިމުމުންނެވެ.