03 Nov 2015, 16:21
ޗެމްޕިއަންސް ލީގުގައި ކަޒަކިސްތާންގެ އަސްޓަނާއާ ދެކޮޅަށް މިރޭ އެތުލެޓިކޯ މެޑްރިޑް ކުޅޭ މެޗުގައި އެތުލެޓީކޯގެ ފޯވަޑް ފެނާންޑޯ ޓޯރޭޒް ނުކުންނަނީ އޭނާގެ ކެރިއަރުގައި 100 ވަނަ ގޯލް ހަމަކުރުމަށް ކަމަށް އޭނާ ބުނެފިއެވެ.
އަސްޓަނާ އެރީނާގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ޓޯރޭޒް ބުނީ ކެރިއަރުގެ 100 ވަނަ ގޯލް ޖެހުމަށް އޭނާ ހުރީ ކެތް މަދުވެފައިވަ ކަމަށާއި އޭނާގެ ކެރިއަރުގައި ޖެހި ފުރަތަމަ ގޯލް އެތުލެޓިކޯގައި ހުރެ ޖަހާފައިވުމަކީ 100 ވަނަ ގޯލް ހަމަ ކުރުމަށް ލިބޭ ހިތްވަރެއް ކަމަށެވެ.
ޓޯރޭޒް ބުނީ 100 ވަނަ ގޯލް ޖަހާފައި ހުއްޓައި ނުލާނެ ކަމަށާއި އެތުލެޓިކޯއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއަށް ވުން އެއީ އޭނާގެ އުންމީދެއް ކަމަށެވެ.
އެތުލެޓިކޯއަށް މިހާތަނަށް އެންމެ ގިނަ ގޯލް ޖަހާ ދީފައިވަނީ އެޓީމަށް 150 ލަނޑު ޖަހައިދިން ސްޕެއިންގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް އެޑްރިއަން އެސްކްޑޭރޯ ގާސިއާއެވެ.
ދާދީ ފަހުން ބައްޕައަކަށްވި ޓޯރޭޒް ބުނީ މިވަގުތަކީ އޭނާއަށް ވަރަށް އުފާވެރި ވަގުތެއް ކަމަށާއި އޭގެ ހިތްވަރު ދަނޑުމަތިންވެސް ފެންނާނެ ކަމަށެވެ.
"މިފަދަ ދަނޑިވަޅެއްގައި [ދަރިއަކު ލިބުމުން] އަހަންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ. މި ވަގުތަށްވުރެ ރަނގަޅު ވަގުތެއް އެތުލެޓިކޯގައި ކުޅެން ނުލިބޭނެ. މި މެޗުން އަހަންނަށް ވަރަށް ބޮޑު އުންމީދެއް އެބައޮތް އަހަރެމެން މޮޅުވާނެ ކަމަށް،" 2001 ވަނަ އަހަރު އެތުލެޓިކޯއިން ސީނިއާ ކެރިއާ ފެށި ޓޯރޭޒް ބުންޏެވެ.
އޭނާ ބުނީ ސްޕެއިންއާ ކަޒަކިސްތާނާ ވަރަށް ތަފާތު ކަމަށާއި އެހާ ކުރިން ކަޒަކިސްތާނަށް އައީވެސް މަހާއުލަށް ފަރިތަވުމުގެ ގޮތުންކަމަށެވެ.
ނަމަވެސް ކަޒަކިސްތާންގެ މާހައުލުގެ ސަބަބުން ކުޅުންތެރިންނަށް މެޗްގައި އަސަރު ނުކުރާނެ ކަމަށް އޭނާ އުންމީދު ކުރާ ކަމަށް ކުރިން ސްޕެއިންގެ އެއް ވަނަ ފޯވަޑް ބުންޏެވެ.