އިގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފުލުގައި އޮތް އެސްޓަން ވިލާގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް ކުރީގެ ފްރާންސްގެ ލިޔޯން ގެ ކޯޗް ރެމީ ގާޑް ހަމަޖައްސައިފި އެވެ.

ލީގުގައި މިހާތަނައް ކުޅުނު މެޗްތަކުގެ ތެރެއިން އެ ޓީމް މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އަދި އެ ޓީމް އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލުގެ ފުލުގަ އެވެ. އެކަށީގެންވާ ކާމިޔާބީއެއް ޓީމަށް ހޯދައި ދެވިފައި ނުވާތީ އެސްޓަލް ވިލާގެ ކޯޗު ޓިމް ޝާވުޑް ވަނީ މަގާމުން ވަކިކޮށްފައެވެ.

ތިން އަހަރާ ހަ މަސްދުވަހުގެ މުއްދަތަކަށް އެސްޓަންވިލާގެ ކޯޗުކަމާ ހަވާލުވި ގާޑް ބުނީ، އެސްޓަންވިލާއަށް ކޯޗުކޮށްދޭން ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ޝަރަފެއް ކަމަށެވެ.

"ކުރިމަތީގައި އޮތީ ވަރަށް އުނދަގޫ މަސައްކަތެއް. އެކަމަކު، އެސްޓަންވިލާއަށް ލޯބިކުރާ ފަރާތްތަކުގެ ސަޕޯޓާއެކީ، އަހަރެން މި ހުރީ އެ މަސައްކަތާ ކުރިމަތިލާން ތައްޔާރަށް،" ކުރިން އާސެނަލްއަށް ކުޅެފައިވާ ގާޑް ބުންޏެވެ.

ލިޔޯންގައި 3 އަހަރު ހޭދަކުރުމަށްފަހު، ގާޑް އެ ކްލަބުގެ ކޯޗުކަމުން ވަކިވީ މިދިޔަ އަހަރުގައެވެ. ގާޑް ވަނީ ލިޔޯންއަށް، ފްރެންޗް ކަޕް އަދި ފްރެންޗް ޗެމްޕިއަންސް ކަޕް ކާމިޔާބުކޮށްދީފައެވެ.

ގާޑްގެ އިރުޝާދުގެ ދަށުން އެސްޓަންވިލާ ކުޅޭ ފުރަތަމަ މެޗަކަށްވާނީ، ލީގުގައި އަންނަ އާދީއްތަ ދުވަހު މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.