03 Nov 2015, 15:34
ހައްޔަރުކޮށްފައިވާ ރާއްޖެޓީވީގެ ތިން ނޫސްވެރިން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ ތިން ނޫސްވެރިން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުންނެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ އެ މީހުން އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ރޭ ހައްޔަރުކޮށްފައިވާ ރާއްޖެ ޓީވީގެ ތިން ނޫސްވެރިންނަކީ ރާއްޖެޓިވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ އާއި ރިޕޯޓާ މުހައްމަދު ވިސާމް އާއި ލީވާން އަލީ އެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ބޮމެއް ކަމަށް ބެލެވޭ އެއްޗެއް ސްޓޭޑިއަމް ސަރަހައްދަށް ގެންގޮސް އޭތި ނައްތާލުމަށް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވި ވަގުތު އެކަން ކަވަރު ކުރަން އުޅުމުގެ ތެރެއިންނެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު "ސަން"އަށް ވިދާޅުވީ ފިޔާޒު ހައްޔަރުކުރީ ފުލުހެއްގެ ގައިގައި ޖަހައި މަރާމާރީ ހިންގުމުން ކަމަށާއި އަނެއް ދެ ނޫސްވެރިން ހައްޔަރު ކުރީ ފިޔާޒު ހައްޔަރު ކުރުމަށް ހުރަސް އެޅުމުން ކަމަށެވެ.
ފުލުހުން ބުނީ އިއްޔެ އެ ތިން ނޫސްވެރިން ޑޮކްޓަރަށް ދެއްކި ކަމަށާއި އެ ތިން ނޫސްވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބުނުކަން ޑޮކްޓަރުން ފާހަގަކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ވިސާމް ހައްޔަރު ކުރުމުގެ ތެރޭގައި އޭނާގެ ލޮލަށް ބޭރު ފުށުން ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވެދާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން މިއަދު އެ ތިން ނޫސްވެރިން ދޫކޮށްލިއިރު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީން) ވަނީ އެ މައްސަލައާ ގުޅޭ ގޮތުން ކުއްލި ބައްދަލުވުމެއް މިއަދު ބާއްވާ ތިން ނޫސްވެރިން ހައްޔަރުކުރި މައްސަލަ ބަލަން ފަށާފަ އެވެ.