03 Nov 2015, 16:25
ޔަމަނުގެ ރަށެއް ކަމަށްވާ ސުކަޓްރާ އަށް ހޯމަ ދުވަހު ބާރުގަދަ ވަޔާ އެކު ނަގޫރޯޅިއެއް އަރައި ތިން މީހަކު މަރުވެއްޖެ އެވެ.
ޗަޕަލާގެ ނަންދީފައިވާ އެ ނަގޫރޯޅީގެ ސަބަބުން ސުކަޓްރާގެ ތިން މީހަކު މަރުވުމުގެ އިތުރަށް 100 ވަރަކަށް މީހުންނަށް ވަނީ އަނިޔާވެފައި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
"ތިން މީހަކު ވަނީ މަރުވެފައި. އަދި 100 ވަރަކަށް މީހުންނަށް ވަނީ އަނިޔާވެފައި،" އޮފިޝަލް ވިދާޅުވި އެވެ.
ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން އިން ބުނި ގޮތުގައި ޗަޕަލާގެ ބާރުމިން ވަނީ ކުރިއާ ބަލާ އިރު ދަށްވެފަ އެވެ. އަދި ޔަމަނުގެ ގުދުރަތީ ގޭސް ޓާމިނަލް ހުންނަ ބަލްހަފް އަށް އަންގާރަ ދުވަހު އަރާއިރު ތޫފާނުގެ ނުރައްކާތެރިކަން އޮންނާނީ ކުޑަވެފަ އެވެ.
އަލިފްދާލުގެ އިންސާނިއްޔަތާ ބެހޭ އޮފީހުން ބުނި ގޮތުގައި ތޫފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވާނީ ޔަމަނުގެ ދެކުނު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށެވެ. އެ މީހުންނަކީ ޔަމަނު ހަނގުރާމައިގެ ސަބަބުން މިހާރު ވެސް އެހީއަށް ބޭނުންވެފައި ތިބި ރައްޔިތުން ކަމަށް އެ އޮފީހުން ބުންޏެވެ.
ސޯޝަލް މީޑިއާގައިވާ ސުކާޓްރާގެ ފޮޓޯ ތަކުން ފެނިގެންދަނީ މައި ރަށް ކަމުގައިވާ ހަދިބޫގެ މަގުތަކުގައި ފެން ބޮޑުވެފައިވާ ތަނެވެ.
"ތޫފާނުން ސަލާމަތްވުމަށް 1،500 އާއިލާ ވަނީ ފަރުބަދަ މަތި ފަދަ ތަންތަނަށް އަރާފައި. ރަށުން ބޭރުން އަދި އެއްވެސް އެހީ އެއް ނުލިބޭ،" ސުކާޓްރާގެ ތިމާވެއްޓާ ބެހޭ އޮފީހުން މުހައްމަދު އަލް އަރްބީ ބުންޏެވެ.
އާއްމުކޮށް ހޫނު މޫސުން އޮންނަ ޔަމަނުގެ ގިނަ ސަރަހައްދުތަކަކީ ބޯކޮށް ވާރޭވެހުމުން ކަންތައް ކުރާނެ ގޮތުގެ ޕްލޭނެއް ހަދާފައިނެތް ސަރަހައްދުތަކެވެ.
އަރަބި ކަނޑުގައި ޔަމަނާއި 380 ކިލޯމީޓަރު ދުރުގައި އޮންނަ ސުކާޓްރާ އަކީ އެމީހުންގެ އަމިއްލަ ބަހަކުން ވާހަކަ ދައްކާ 50،000 މީހުން ދިރިއުޅޭ ރަށެކެވެ. މީގެ އިތުރުން އެ ރަށަކީ އެހެން ގައުމުތަކުން ނުފެންނަ ބާވައިތްތަކުގެ ގިނަ އަދަދެއްގެ ގަސް ހެދޭ، ގުދުރަތީ ގޮތުން ރީތި ރަށެކެވެ.