03 Nov 2015, 15:54
ޔުއެފާ ޗެމްޕިއަންސްލީގުގައި މިރޭ އަމިއްލަ ދަނޑުގައި ސީއެސްކޭ މޮސްކޯއާ ދެ ކޮޅަށް ކުޅޭ މެޗުގައި މެންޗަސްޓާ ޔުނެއިޓެޑްގެ އެންމެ ކުރިއަށް ކުޅޭ ރޫނީގެ މަގާމު ތަފާތު ވާނެ ކަމަށް ޔުނައިޓެޑުން ބުނެފި އެވެ.
މިރޭގެ މެޗައް ނިކުތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް ލޮއިސް ވެންހާލް ބުނީ އެ މެޗަށް ނިކުންނައިރު ޓީމުގެ ފަރާތުން ބަދަލުތަކެއް ފެނިގެންދާނެ ކަމަށާއި އަދި އެންމެ ފަހުން ކުޅުނު ދެ މެޗްގައި ވެސް ކުރި ބެލެހެއްޓި ކެޕްޓަން ރޫނީ ވެސް ކުޅޭ މަގާމު ތަފާތު ވާނެ ކަމަށެވެ.
"ލަނޑު ނުޖެހުމަކީ ބޮޑު ކަންބޮޑުވުމެއް. ޖެހިޖެހިގެން ތިން މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން އިތުރަށް ވިސްނަން ޖެހިއްޖެ. އެއީ މި މައްސަލަ އަށް ހައްލެއް ގެނެސްގެން ނޫނީ ކުރިއަށް ދެވެން އުނދަގޫވުމުން،" ވެން ހާލް ބުންޏެވެ.
ރަޝިއާގެ ސީއެސްކޭއޭ މޮސްކޯއާ ޔުނައިޓެޑުން ބައްދަލުކުރާއިރު، އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނު ކުޅުމާމެދު، އެ ޓީމުގެ ބައެއް ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ނަމަވެސް ވެންހާލް ވަނީ، މިރޭގެ މެޗުގައި ސަޕޯޓަރުން ކުޅުންތެރިންނަށް ސަޕޯޓުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށާއި، ދަނޑުމަތީގައި ކުޅުންތެރިން އަދާކުރަނީ އުނދަގޫ މަސައްކަތެއް ކަމަށެވެ.
"އުއްމީދުކުރަން 12 ވަނަ ކުޅުންތެރިޔާގެ ދައުރު ފެންނާނެ ކަމަށް،" ވެންހާލް ބުންޏެވެ.
މި މެޗާ ކުރިމަތިލާއިރު، ޔުނައިޓެޑް ހިމެނޭ ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ ވުލްފްސްބާގެވެ. އެ ޓީމަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑާއި ތިން ވަނައިގައި އޮތް ސީއެސްކޭއޭ އަށް ތިން މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. ގްރޫޕްގެ އެންމެ ފުލުގައި އޮތީ ތިން ޕޮއިންޓާ އެކު ޕީއެސްވީ އެވެ.