03 Nov 2015, 16:19
އަލިފުޅު ތުއްތު ފައުންޑޭޝަން އުފެއްދި ފަހުން، އެ ފައުންޑޭޝަން މެދުވެރިކޮށް ވޭތުވެ ދިޔަ ހަ އަހަރުގެ ތެރޭގައި ރާއްޖޭގެ 42 ކުއްޖަކަށް ގްރެޖުއޭޓް ފެންވަރަށް ކިޔަވައިދީފައިވާ ކަމަށް އެ ފައުންޑޭޝަންގެ އެއް ބާނީ ޗަމްޕާ ހުސައިން އަފީފު ވިދާޅުވެއްޖެ އެވެ.
އަފީފު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކެނެޑާގެ ޔުނައިޓެޑް ވޯލްޑް ކޮލެޖުންނާއި އެނޫން ގޮތް ގޮތުން އެ ފައުންޑޭޝަނުން ރާއްޖޭގެ ކުދިންނަށް ކިޔަވައި ދިނުމަށް، ވޭތުވެ ދިޔަ ހަ އަހަރުގެ ތެރޭގައި 840،000 ޑޮލަރު ނޫނީ (12.9 މިލިއަން ރުފިޔާ) ހަރަދުކުކޮށްފައިވާ ކަމަށެވެ.
ތައުލީމު ނޫނަސް ރާއްޖޭގައި ހިލޭ ސާބަހަށް އެ ފައުންޑޭޝަނުން އަންނަނީ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެ ގޮތުން 38 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހއ. ތުރާކުނުގައި ގާއިމު ކުރި ފެނާއި ނަރުދަމާގެ ނިޒާމު ވަނީ ދާދި ފަހުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފަ އެވެ. އަދި އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ރާއްޖޭގެ ހަ ރަށެއްގައި މިސިކިތް ބިނާ ކުރުމަށް ވެސް ދާދިފަހުން ވަނީ ބަޔަކާ މަސައްކަތް ހަވާލުކޮށްފަ އެވެ.
އަފީފު ވިދާޅުވީ އަލިފުޅު ފައުންޑޭޝަނުން މިހާތަނަށް 5.5 މިލިއަން ޑޮލަރު ނުވަތަ (85 މިލިއަން ރުފިޔާ)ގެ ހިލޭއެހީގެ މަޝްރޫއުތައް ރާއްޖޭގެ މީހުން ދިރިއުޅޭ 164 ރަށެއްގައި ހިންގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގްރުއާން ކްލާހާއި މިސްކިތާއި ކޮމިނިއުޓީ ސެންޓަރާއި ސިއްހީ މަރުކަޒާއި ނަރުދަމާ އާއި ސްކޫލްތަކުގެ ސްމާޓް ބޯޑް ފަދަ ކަންތައްތަކުގެ އިތުރުން ވެސް، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށް ވެސް އެހީތެރިވެދީފައިވާ ކަމަށެވެ.
އަދި ވިދާޅުވީ އެ ފައުންޑޭޝަނަކީ ރާއްޖެ އަށް ބޭނުންވާ އެހީގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް 2009 ވަނަ އަހަރު އުފައްދާފައިވާ ފައުންޑޭޝަނެއް ކަމަށާއި އެ ފައުންޑޭޝަނުން ކުރިއަށް އޮތް ތަނުގައި ވެސް ފައިނޭންސް ތަންދިން ވަރަކަށް އެކި އެކި މަޝްރޫއުތައް ހިންގަވާނެ ކަމަށެވެ.
އަފީފު ވިދާޅުވީ އެހީގެ މަޝްރޫއުތައް ހިންގެވުމުގައި ބައްލަވަނީ ވަކި ހާއްސަ ކަންކަމަށް ނޫން ކަމަށާއި ބޮޑަށް ބައްލަވަނީ މީހުންނަށް އެންމެ ބޭނުންވާ ކަންތައްތައް ކޮށްދެއްވުމަށް ކަމަށެވެ.
އަލިފުޅު ތުއްތު ފައުންޑޭޝަނަކީ މަޝްހޫރު ވިޔަފާރި އާއިލާ ޗަންޕާ ބްރަދާސްގެ ފަސް ބެން ކަމަށްވާ ޗަމްޕާ ހުސައިން އަފީފާއި ޗަމްޕާ މުހައްމަދު މޫސާ(އުއްޗު) އާއި އަބްދުއްސައްތާރު މޫސާ އާއި އަހުމަދު މޫސާ އަދި ހަދީޖާ މޫސާގެ ބައްޕަ، މޫސާ އަލީ (އަލިފުޅު ތުއްތު)ގެ ނަމުގައި އުފައްދާފައިވާ ފައުންޑޭޝަނެކެވެ.
އަބްދުއްސައްތާރު މޫސާ އާއި އަހުމަދު މޫސާ އަދި ހަދީޖާ މޫސާ ވަނީ ނިޔާވެފަ އެވެ.