ދުނިޔޭގެ އެންމެ ބޮޑު ސާޗް އިންޖިންގެ ކުންފުނި ގޫގަލް އިން 2017 އިން ފެށިގެން ޑްރޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ތަކެތި ފޯރު ކޮށްދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

"ޕްރޮޖެކްޓް ވިންގް"ގެ ނަމުގައި ފެށުމަށް ހަމަޖެހިފައިވާ އެ މަޝްރޫއަކީ އޮންލައިން ވިޔަފާރި ކުރާ ބޮޑެތި ކުންފުނިތަކެއް ކަމަށްވާ "އެމޭޒަން" އާއި "އަލީބާބާ" ފަދަ ކުންފުނިތަކާ ވާދަ ކުރުމަށް ފަށާ މަޝްރޫއެކެވެ. އެ ކުންފުނިތަކުން ވެސް ދަނީ ޑްރޯން ފަދަ ރޮބޯޓިކް އެއާކްރާފްޓް ބޭނުންކޮށްގެން މުދާ ޑެލިވަރީ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

ވޮޝިންޓަންގައި ބޭއްވި އެއާ ޓްރެފިކް ކޮންޓްރޯލް ކޮންވެންޝަންގައި ގޫގަލް އިން ބުނީ އެ ކުންފުނިން ޑްރޯން ބޭނުން ކޮށްގެން ވިޔަފާރި ފެށުމުގެ ބޭނުމަކީ 2017 ވަނަ އަހަރު ކޮމާޝަލް ވިޔަފާރި ފެށުން ކަމަށެވެ.

ޕްރޮޖެކްޓް ވިންގްގައި ބޭނުން ކުރާނީ ކޮން ކަހަލަ ޑްރޯން އެއް ކަމެއް އަދި ޑެލިވާ ކުރާނީ ކޮންކަހަލަ ޕެކޭޖެއް ކަމެއް ގޫގަލް އިން ހާމަކޮށްފައެއް ނުވެ އެވެ.

ޑްރޯން ބޭނުން ކޮށްގެން މުދާ ޑެލިވަރީގެ މަސައްކަތް ފެށުމުން އެކި ކަހަލަ ފަސޭހަތަށް ލިބިގެންދާނެ އެވެ. އެގޮތުން އަވަހަށް އެމުދާ ލިބޭނެ ކަމަށް އެމޭޒަން އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.