02 Apr 2011, 09:37
ޤާހިރާ : ލީބިޔާގެ އިސްމަސްއޫލުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިތުރު ބޭފުޅެއް ކަމަށްވާ ޑޮކްޓަރު ޢަލީ ޢަބްދުއްސަލާމް އައްތުރައިކީ، ގައްޒާފީގެ ނިޒާމުން ވަކިވެވަޑައިގެން ލީބިޔާއިން ފިއްލަވައިފި އެވެ.
މިސްރުގެ ވެރިރަށް ޤާހިރާގައި މިހާރު ހުންނެވި ޑޮކްޓަރު އައްތުރައިކީ ވިދާޅުވީ އޭނާ ގައްޒާފީގެ ނިޒާމް ދޫކޮށްލެއްވީ އެ ނިޒާމުން ލީބިޔާގެ ރައްޔިތުންގެ ލޭ އޮހޮރުވަމުން ގެންދިޔުމާއި ގޮތްދޫނުކުރުމާއި ދުރުވިސްނުމާއި ޙިކްމަތްތެރިކަމުގެ ކަންފުޅެއްވެސް ނެތުމުން އެނިޒާމުގައި ދެމިހުރުމަށް ޒަމީރު ތަންނުދޭތީ އެވެ.
ޑޮކްޓަރު އައްތުރައިކީ އަކީ ދިގު މުއްދަތަކަށް ލީބިޔާގެ ޚާރިޖީ ވަޒިރުކަން ކުރައްވާފައިވާ އަދި އދ. ގައާއި ޢަރަބި ލީގުގައި ލީބިޔާ ތަމްޘީލް ކުރައްވާފައިވާ ވަރަށް ތަޖްރިބާކާރު އިލްމީ ޝަޚްސިއްޔަތެކެވެ. ޑޮކްޓަރު އައްތުރައިކީ ގައްޒާފީގެ ނިޒާމުން އިސްތިއުފާދެއްވައި ޤާހިރާއަށް ވަޑައިގެންނެވިއިރު ވެސް އޭނާ ހުންނެވީ ލީބިޔާއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ކަމުގެ މަޤާމުގަ އެވެ. މިއީ މިމަޤާމަށް އޭނާ ޢައްޔަންކުރެވުނު ދެވަނަ ފަހަރެވެ.
ގައްޒާފީގެ ނިޒާމާ ދެކޮޅަށް ލީބިޔާގެ ރައްޔިތުން އުތުރިއަރަން ފެށިފަހުން އެ ނިޒާމުގެ އިސްއެތަށް ބޭފުޅަކު ވަނީ އިސްތިއުފާދެއްވައި މަޤާމުން ދުރުވެ ވަޑައިގެންފަ އެވެ. އަދި މީގެތެރެއިން ގިނަބޭފުޅުންވަނީ ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކާގުޅިފަ އެވެ. އިދިކޮޅު އެންމެ އިސް ލީޑަރެއްގެ ގޮތުގައި މިހާރު ޙަރަކާތްތެރިވެވަޑައިގަންނަވާ މުސްތަފާ ޢަބްދުލްޖަލީލަކީވެސް ގައްޒާފީގެ ނިޒާމުގެ އެނެމެފަހުގެ ޖަސްޓިސް މިނިސްޓަރެވެ.
ގައްޒާފީގެ ސަރުކާރުގެ ދާޚިލީ ވަޒީރާއި ގިނަ ޢަދަދެއްގެ ޑިޕްލޮމޭޓުންނާއި ސަފީރުންނާއި ސިފައިންގެ އިސްބައެއް އޮފްސަރުންނާއި ސިފައިންގެ އާދައިގެ މީހުންވެސް ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިފަ އެވެ.
އެންމެފަހުން ގައްޒާފީގެ ސަރުކާރުގެ ޚާރިޖީ ވަޒީރު މޫސާ ކޫސާ ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ލީބިޔާއިން ފިއްލަވައިގެން ލަންޑަނަށް ވަޑައިގެން ގައްޒާފީގެ ނިޒާމާ ވަކިވެ ވަޑައިގެންނެވިކަން ޢިޢްލާން ކުރައްވާފައެވެ.
މޫސާކޫސާއަކީ ގައްޒާފީގެ ނިޒާމުގެ ސިއްރުތައް އެންމެ ބޮޑަށް އެނގިވަޑައިގަންނަވާ އަދި ގައްޒާފީއާ ވަަރަށް އަރިސް ބޭފުޅެކެވެ.
އެމެރިކާގެ މިޝިގަން ޔުނިވަރސިޓީން މަތީ ތަޢްލީމް ޙާސިލް ކުރައްވައިގެން ހުންނެވި މޫސާ ކޫސާވަނީ 1994 ން 2009 ށް ލިބިޔާގެ ޖާސޫސީ އިދާރާގެ ވެރިކަން ކުރައްވާފަ އެވެ. (އަލްޖަޒީރާ)