03 Nov 2015, 14:10
މިމަހު 13 ވަނަ ދުވަހު ވޭލްސްއާ ދެކޮޅަށް ހޮލެންޑް ކުޅޭ ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗުން ހޮލެންޑްގެ ގައުމީ ޓީމުގެ ފޯވަޑުން ކަމުގައިވާ މެންފިސް ޑިޕާއީއާ ރޮބިން ވެންޕާސީ ބާކީކޮށްފި އެވެ.
މެންޗެސްޓާ ޔުނައިޓަޑަށް ކުޅެމުންދާ ޑިޕާއީ ޓީމުން ބާކީ ކުރިއިރު އެކަމާ ބެހޭ ގޮތުން ހޮލެންޑްގެ ކޯޗް ޑެނީ ބްލިންށް ބުނެފައިވަނީ ފުޓްބޯޅައިގައި ޓީމެއްގެ ގޮތުގައި ފަންގްޝަން ކޮށްގެން ކުޅެން ޖެހޭ ކަމަށާއި ޑިޕާއީގެ ކިބައިގައި އެކަން ނެތް ކަމަށެވެ.
އެހެންކަމުން ޑިޕާއީ އެކަންތައް ދަސް ކުރަން ޖެހޭ ކަމަށް ބްލިންޑް ބުންޏެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ 2016 އަށް ހޮލެންޑް ކޮލިފައިވެފައެއް ނުވެ އެވެ.
މިދިޔަ އަހަރު ހޮލެންޑަށް ފީފާ ވޯލްޑްކަޕްގެ ތިން ވަނަ ހޯދައިދިން މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ލުއިސް ވެންހާލް ވަނީ ޑިޕާއީ މެންޔޫގެ ޓީމުގައި ނުހިމެނުމުން ޑިޕާއީގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.
ވެންހަލް ބުނީ ޑިޕާއީ އުމުރުން އެންމެ 21 އަހަރުގެ ޑިޕާއީއަކީ އެއުމުރުގެ އެންމެ ހުނަރުވެރި ކުޅުންތެރިޔާ ކަމަށެވެ.
ޑިޕާއީގެ މިހާރު ހުރި ސްޓޭޖުގައި އޭނާ ގިނަ ކަންކަން ފުރިހަމަ ކުރަން ޖެހޭ ކަމަށާއި ކުރިއަށް ވުރެ ރަނގަޅު ފޯމެއްގައި ޑިޕާއީ އަންނާނެކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތްކަމަށް ވެންހާލް ބުންނެވެ.