03 Nov 2015, 13:57
ލުބުނާނުން ސައުދި އަރަބިއާއަށް މަސްތުވާތަކެތި ފޮނުވަން އުޅުނު ސައުދިއަރަބިއާގެ އަމީރެއްގެ މައްޗަށް ލުބުނާނުގެ ޕުރޮސެކިއުޓާ ޖެނެރަލް ދައުވާ އުފުލައިފިއެވެ.
ސައުދީ އަމީރު އަބްދުލް މުހްސިން ބިން ވަލީދު ބިން އަބްދުލް އަޒީޒުގެ އިތުރުން 10 މީހުންގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ.
ދައުވާ ކޮށްފައިވާ މީހުންގެތެރެއިން ފަސް މީހުން އަދި ހައްޔަރު ކޮށްފައި ނުވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުދީގެ ދެ މީހަކާއި ލުބުނާނުގެ ތިން މީހެކެވެ.
ސައުދީ އަމީރު މިދިޔަ ހަފްތާގައި ހައްޔަރު ކޮށްފައި ވަނީ ސައުދީގެ އިތުރު ހަތަރު މީހަކާއެއްކޮށް ދަތުރުކުރަން އުޅުނު ޕުރައިވެޓް ޖެޓުން ދެ ޓަނުގެ ކެޕްޓެގަން ގުޅަ ފެނުމުންނެވެ. އެއީ ބެއިރޫތުގެ އެއާޕޯޓުން އެއްފަހަރާ ހޯދާފައިވާ އެންމެ ގިނަ މަސްތުވާ ތަކެއްޗެވެ.
މަސްތުވާތަކެތި ހުރީ 40 ފޮށީގައި ބަންދު ކޮށްފަ އެވެ.
އެމްފެޓަމިންނާއި ކެފެއިން ހުންނަ އެ ގުޅަ ބޭހަކީ ސައުދި އަރަބިއާގައި އާއްމުކޮށް ބޭނުން ކުރާ މަސްތުވާ އެއްޗެކެވެ.
ސައުދީ އަރަބިއާގެ ސަރުކާރުން މިކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މައުލޫމާތު: ރޮއިޓާސް