03 Nov 2015, 13:48
ޔުއެފާ ޗެމްޕިއަންސް ލީގްގައި މިރޭ ފްރާންސް ގެ ޕީއެސްޖީއާއި ދެކޮޅަށް ނިކުންނާނީ އުދަގޫ މެޗެއް ކަން ދެކިގެން އެ ޓީމް ބަލިކޮށް ތިން ޕޮއިންޓް ހޯދުމަށް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗް ރަފެއެލް ބެނިޓޭޒް ބުނެފިއެވެ.
މިރޭގެ މެޗްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބެނިޓޭޒް ބުނީ ޕީއެސްޖީއަކީ ޔޫރަޕްގެ ވަރުގަދަ ކުލަބެއްކަމަށާއި އެ ޓީމަށް ފުރިހަމައަށް އިހްތިރާމް ކުރާނެ ކަމަށެވެ. މި ދެޓީމް ގުރޫޕް ސްޓޭޖްގައި ފުރަތަމަ ކުޅުނު މެޗުން ވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެފައެވެ.
"ރެއާލް އިން ފުރަތަމަ ލެގްގައި ރަނގަޅު ކުޅުމެއް ދެއްކި އެއްވެސް މިހަކު ޕީއެސްޖީގެ ފެންވަރާއި މެދު ސުވާލެއް ނޫފައްދާނެ. އެ މީހުން އަންނަނީ މެޗަކަށް ވުރެން މެޗެއް ރަނގަޅު ކުރަމުން މިހާރު އެއީ އާދައިގެ ޓީމެއް ނޫން،" ބެނިޓޭޒް ބުންޏެވެ.
ގްރޫޕް އޭގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އާއި ދެ ވަނައިގައި އޮތް ރެއާލަށް ވެސް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ޕީއެސްޖީ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. ތިން ވަނައިގައި ތިން ޕޮއިންޓާ އެކު މަލްމޯ އެފްސީ އޮތްއިރު ހަތަރު ވަނައިގައި އޮތް ޝަހުތަރު ޑޮނެސްކަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
މިރޭގެ މެޗަށް ރެއާލް ނުކުންނައިރު ކަރީމް ބެންޒެމާ އާއި ގަރެތު ބޭލް އަދި ލޫކަ މޮޑްރިޗް އަށް އަނިޔާގެ ސަބަބުން ނުކުޅެވޭ އިރު ހަމޭސް ރޮޑްރިގޭޒް ފެނުމުގެ ފުރުސަތު ބޮޑުކަމަށް ބެނިޓޭޒް ބުންޏެވެ. އެހެން ނަމަވެސް އެންމެ ފަހުން ލީގު މެޗުގައި އަރާމް ކުރަން ފުރުސަތު ދިން ކޭލޯ ނަވާސް އާއި ސާޖިއޯ ރާމޮސް މިރޭ ކުޅޭނެ އެވެ.
ރެއާލް ގެ ސެންޓިއާގޯ ބެރެނަބިއު ގައި މިރޭ 12:45 ގައި މި ދެ ޓީމް ނިކުންނައިރު މި ސީޒަނުގައި އަދި މި ދެޓީމް ކުޅުނު އެއެވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.