03 Nov 2015, 12:01
އަންނަ ހުކުރު ދުވަހު އިދިކޮޅު އެމްޑީޕީން ބޭއްވުމަށް ނިންމާފައިވާ ބޮޑު މުޒާހަރާ ބޭއްވުމަށް ދެވަނަ ވިސްނުމަކަށް ދިއުމަށް ފުލުހުން އެދިފައި ނުވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އެމްޑީޕީން މިއަދު ބުނީ މުޒާހަރާއާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް އެޕާޓީން ވިސްނާފައި ނުވާ ކަމަށެވެ. އެމްޑީޕީން ބުނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިފައިވާ އަސާސީ ހައްގެއް ކަމަށެވެ. އަދި ރާއްޖޭގައި ހިނގާ ބޮޑެތި ކަންބޮޑުވުންތަކާ މެދު ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ހައިސިއްޔަތުން އެޕާޓީން އިންތިޒާމުކޮށްގެން ބާއްވާ އެފަދަ ސުލްހަވެރި އެއްވުންތަކަށް އެއްބާރުލުން ދެއްވުމަކީ ފުލުހުންގެ މައްޗަށް ގާނޫނު ލާޒިމު ކުރަ ކަމެއް ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.
"އަދި ޤައުމުގައި ހިނގާ އެހެން މައްސަލަތަކަކީ މި ޕާޓީން ބާއްވާ ސުލްޙަވެރި މުޒާހަރާތަކަށް އޮތް ހުރަހަކަށްވެގެންވާނޭ ކަމެއް ނޫންކަމުގައި ދެކެމެވެ. މި ޕާޓީގެ މަސްއޫލިއްޔަތަކީ ވެސް ރާއްޖޭގައި ހިނގާ ކަންކަމާމެދު ބަސްބުނެ، ޚިޔާލުފާޅުކޮށް އަދި ކަންކަން އިސްލާޙުކުރުމެވެ." އެމްޑީޕީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވެ އެވެ.
އެމްޑީޕީން މިހެން ބުނެފައިވާ އިރު ފުލުހުން ބުނީ އިއްޔެ އެމްޑީޕީގެ އިސްވެރިންނާ އެކު ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ޢަރީފް އެދިވަޑައިގެންފައި ވަނީ ގައުމުގެ މަޝްރަޙް މިއަދު އޮތް ގޮތުން 6 ނޮވެމްބަރު 2015 ވަނަ ދުވަހު އެމްޑީޕީން ބާއްވަން އިންތިޒާމުކުރާ މުޒާހަރާ ބޭއްވުމާމެދު އިތުރު ވިސްނުމަކަށް ގޮސްދިނުމަށް ކަމަށެވެ.
އެމްޑީޕީން ބުނީ އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއާ ގުޅިގެން ފުލުހުންނަށް މިހާރު ނޯޓިސް ވެސް ފޮނުވާފައިވާ ކަމަށެވެ.