ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން ކ. ފުށިދިއްގަރުފަޅު ހަވާލުނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޓޫރިޒަމް މިނިސްޓްރީއަށް އަންގައިފި އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި އޭސީސީގެ ނައިބު ރައީސް މުއައްވިޒު ވިދާޅުވީ އެ އެންގުން ޓޫރިޒަމް މިނިސްޓްރީ އަށް އަންގާފައި ވަނީ އިއްޔެ ކަމަށެވެ.

އެފަދަ އެންގުމެއް އަންގާފައި ވަނީ ފުށިދިއްގަރުފަޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ބޭރު ބަޔަކާ ހަވާލުކުރަން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް ތުހުމަތުކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ އަދި ބަލައި ނިމިފައިނުވާތީ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.

"މިހާތަނަށް ފުށިދިއްގަރުފަޅު ހަވާލުކޮށްފައެއް ނެތް. މިއަދު އަޅުގަނޑުމެންވާނީ ފުށިދިއްގަރުފަޅު ދޫކުރުމުގެ ކަންތައް މަޑުޖައްސާލުމަށް ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައި،" ސަން އަށް އިއްޔެ ދެއްވި އިންޓަވިއުގައި މުއައްވިޒު ވިދާޅުވި އެވެ.

އެ މައްސަލަ 2013 ވަނަ އަހަރުގެ ތެރޭގައި ފެންމަތި ކުރެއްވީ މިހާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އަދި އެ މައްސަލަ އޭސީސީއަށް ހުށަހެޅުއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ހިއުމަންރައިޓްސް އެމްބެސެޑަރު އަހްމަދު އިބްރާހީމް ދީދީ (ސަންދާނު އަހަންމައިދީ) އެވެ.

އުމަރު އޭރު ވިދާޅުވީ ފުށިދިއްގަރުފަޅު ރާއްޖެ އިން ބޭރުގެ ބަޔަކަށް ކުއްޔަށް ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ވަހީދަށް ވެސް އެނގުމެއް ނެތި، ކެބިނެޓުން ފާސްކުރުމެއް ނެތި، ބަންޑާރަ ނައިބުގެ ލަފައެއް ހޯދުމެއް ނެތި އަދި އިއުލާން ކުރުމެއް ނެތި ކަމަށެވެ.

އޭނާ ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޖެނުއަރީ 18، 2013 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޓްރޭޑާސް ހޮޓަލުގެ ކޮޓަރިއެއްގެ ތެރޭގައި އޮތް އެކަހެރި ބައްދަލުވުމެއްގައި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެފައި ވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި މިހާރުގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.

އެ ފަޅު 50 އަހަރަށް ކުއްޔަށް ދީފައި ވަނީ ޔޫކްރޭނަށް އުފަން ނިއުޒީލޭންޑް ރައްޔިތަކު ބްރިޓިޝް ވާޖީނިއާގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށްވާ "ޕްރައިމް ކެޕިޓަލް މޯލްޑިވްސް" އަށް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ނިއުޒީލޭންޑްގެ ރައްޔިތަކު ސޮއިކޮށްފައިވާ އިރު އެ ކުންފުނީގެ ފަރާތުން ހެކިވެރިޔަކަށް ސޮއި ކުރައްވާފައި ވަނީ އަދީބު ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލަ ހުށަހެޅުއްވި ސަންދާނު އަހަންމައިދީ ވިދާޅުވެފައި ވަނީ އެގްރީމެންޓް ތަންފީޒު ކުރުމުގެ ގޮތުން ޖޮއިންޓްވެންޗާ ކުންފުނި އުފެއްދުމަށް ޕްރައިމް ކެޕިޓަލު މޯލްޑިވްސްގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅި ކަމަށެވެ.

ނަމަވެސް ރައީސް ވަހީދުގެ ހުއްދަނެތި އެކަން ކޮށްފައިވާތީ އެކަމުގެ ހުއްދަ ސަރުކާރުން ނުދީ ހިފެހެއްޓިކަމަށް އޭނާ ވިދާޅުވި އެވެ.

ދެން އެ މައްސަލަ ވަނީ އެކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ ފުށި ދިއްގަރުފަޅުގައި ސްޕެޝަލް ޓޫރިސްޓް ޒޯނެއް ތަރައްގީ ކުރުމަށް ސަރުކާރުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް އެ ކުންފުންޏާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް އެއްބަސްވެ ފިނޭންސް މިނިސްޓަރު ޖިހާދާއި އަދި މިހާރުގެ ނައިބު ރައީސް އަދީބު ވެސް ސޮއި ކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް އެގްރިމަންޓްގެ ދަށުން ހަދަން ޖެހޭ ޖޮއިންޓް ވެންޗާ ކުންފުނި ހެދުމަށް އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހެޅުމުން ކުންފުނި ރަޖިސްޓްރީ ކުރަން ދެކޮޅު ހަދާފައިވާ ކަމަށް ދައުވާގައިވެ އެވެ.

އެ މައްސަލަ ބެލުމަށް ފަހު ކޯޓުން ވަނީ އެކުންފުނި ރަޖިސްޓްރީކޮށްދިނުމަށް އަމުރުކޮށްފަ އެވެ.

ސަން އަށް ދެއްވި އިންޓަވިއުގައި މުއައްވިޒު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ލަސްވެފައި ވަނީ ކޯޓަށް މައްސަލަ ހުށަހެޅުމުން ކަމަށެވެ. ނަމަވެސް ކޯޓުން މައްސަލަ ނިމުމާ އެކު ތަހުގީގު ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޯޓު ހުކުމް އެއީ ހަމައެކަނި އެ ދެ ފަރާތްދެމެދުގައި އޮތް ކުންފުންޏެއް ރަޖިސްޓްރީ ކުރުމުގެ ކަމަކާ ގުޅޭގޮތުން. އަޅުގަނޑުމެން މުޅި މައްސަލަ ބަލަމުން މިދަނީ ދެފަރާތުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމަކާ. ރިސޯޓެއް ތަރައްގީ ކުރުމުގެ ކަންތަކާ ގުޅޭގޮތުން،" މުއައްވިޒު ވިދާޅުވި އެވެ.

މުއައްވިޒު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގެ މަސައްކަތްތައް އިއްޔެ ވެސް ކުރިއަށް ދިޔަ ކަމަށެވެ. އަދި މީގެކުރިން ވެސް ތަހުގީގަށް މީހުން ހާޒިރުކޮށް ސުވާލުކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަހުގީގުގައި ދަތިތަކެއް ކުރިމަތިނުވާ ނަމަ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ތަހުގީގު ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.

"ލަފާކުރެވޭ އަޅުގަނޑުމެންނަށް އިތުރު ދަތިތަކެއް ކުރިމަތިނުވެ، މިހާރުދާ ސްޕީޑުން ދަންޏާ ދެތިން މަސް ތެރޭގައި ތަހުގީގު ނިންމިދާނެ ކަމަށް،" މުއައްވިޒު ވިދާޅުވި އެވެ.

ފުށިދިއްގަރު ފަޅު ބަޔަކަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާ ކަމަށް އަދީބާއި ޖިހާދުވެސް މީގެކުރިން ވަނީ އިންކާރުކުރައްވައިފަ އެވެ.