03 Nov 2015, 12:11
ކޮންމެވެސް ދުވަހަކުން ރެއާލް މެޑްރިޑްގެ ކޯޗަކަށް ވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރެއާލް މެޑްރިޑާއި ބްރަޒިލްގެ ކުރީގެ ޑިފެންޑާ ރޮބާޓޯ ކާލޯސް ބުނެފި އެވެ.
ސްޕެއިންގެ ރޭޑިއާ ސްޓޭޝަނެއް ކަމަށްވާ އޮންޑަ ކޭރޯގެ ސްޕޯޓްސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ކާލޯސް ބުނެފައި ވަނީ ރެއާލްގެ ޓީމްގެ ކޯޗް ޒިންމާތައް އުފުލުމަކީ އޭނާ ކުރަމުންދާ އުންމީދެއް ކަމަށާއި އަދި އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދުނިޔޭގެ ކުރިގެ އެންމެ މޮޅު ޑިފެންޑަރު ބުނީ އޭނާ އެކަމަށް މަސައްކަތްކޮށް ކަންކަން ދަސްކުރަމުންދާ ކަމަށާއި އެއީ ރެއާލް މެޑްރިޑްގެ އިތުރުން އަދި ބްރަޒިލްގެ ހެޑް ކޯޗްކަށް ވުމަށް ކަމަށެވެ.
ކާލޯސް ބުނީ އޭނާ އަށް އެ ދެ ދޮރުވެސް ހުޅެވޭނެ ކަމަށާއި ރެއާލް މެޑްރިޑްގެ ކޯޗަކަށް ވުމުގެ ވަގުތު އައިސް ޖެހުމަކީ އޭނާއަށް ލިބޭނެ ބޮޑު އުފަލެއް ކަމަށެވެ.
ރެއާލްގެ މިހާރުގެ ކޯޗް ރަފޭލް ބެނިޓޭޒްއާ ބެހޭ ގޮތުން ކާލޯސް ބުނީ ބެނިޓޭޒް ކޮލިޓީއާ މެދު އޭނާ ފާޑު ނުކިޔާނެ ކަމަށާއި ރެއާލް މެޑްރިޑްގެ ކޯޗަކަމަށް ވުމުން ބެނިޓޭޒް ރެއާލްއަށް ކާމިޔަބު ހޯދައިދޭނެ ކަމަށެވެ.
ރެއާލް މެޑްރިޑްގެ ވައިސް ކެޕްޓަން ބްރަޒިލްގެ މާސެލޯއާ ބެހޭ ގޮތުން ކާލޯސް ބުނީ މާސެލޯއަކީ ދުނިޔޭގެ ހުރި އެންމެ މޮޅު ވާތު ޑިފެންޑަރު ކަމަށާއި ބްރަޒިލް ޓީމުގައި އޭނާ ފުލުކޮށް ބޭނުން ނުކުރުމުގައި ބްރަޒިލްގެ ކޯޗް ކާލޯސް ޑުންގާގެ ގެންގުޅޭ ވިސްނުމަކީ ކޮބައިކަން އޭނާ އަށް ނޭނގޭ ކަމަށެވެ.
ބާސެލޯނާގެ ބްރަޒިލްގެ ފޯވަޑް ނޭމާ ޑަސިލްވާއާ ބެހޭ ގޮތުން ކާލޯސް ބުނީ ދެ އަހަރެއްގެ ތެރޭ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ނޭމާ ވެގެންދާނެ ކަމަށެވެ.
ދުނިޔޭގެ އެންމެ ބާރަށް ފްރީ ކިކް ޖަހާ ކުޅުންތެރިޔާގެ ގޮތުގައި މަޝްހުރުވެފައިވާ ކޯލާސް ބުނީ ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާ ބެހޭ ގޮތުން ބުނީ އޭނާ އަށް ކޮންމެ މަގާމަކަށް ވެސް ކުޅެވޭނެ ކަމަށާއި އޭނާ ހުރީ ރަނގަޅު ފޯމްގައި ކަމަށެވެ.
މިހާރު އުމުރުން 42 އަހަރުގެ ކާލޯސް ވަނީ 11 އަހަރު ރެއަލް މެޑްރިޑްގައި ހޭދަކޮށްފަ އެވެ.
ކާލޯސްއަކީ މިވަގުތު އަވައްޓެރި އިންޑިއާގެ ދިއްލީ ޑައިނަމޯގެ ހެޑް ކޯޗެވެ.