މަޝްހޫރު ރިކޯޑް ޕްރޮޑިއުސަރު އަދި ރެޕް ލަވަކިޔުންތެރިޔާ ޖޭ ޒީގެ ހައި ކޮލިޓީ މިއުޒިކް ސްޓްރީމިން ސާވިސް "ޓައިޑަލް" އިން މުޅިން އާ ޓީވޯ ޝޯތަކެއް ދައްކަން ފެށުމަށް ނިންމައިފި އެވެ.

ޓައިޑަލް އިން މިއަދު އެ ސާވިސްގެ ފުރަތަމަ އޮރިޖިނަޝް ޝޯ މިރޭ ދައްކަން ފަށާއިރު އެ ޝޯއަކީ ކޮމީޑިއަންގެ ޕްރޮފައިލްގެ މައްޗަށް ހަދާފައިވާ ޝޯއެއް ކަމަށްވާ "ނޯ ސްމޯލް ޓޯކް" އެވެ. އޭގެ އިތުރުން ބްރޫކްލިންގެ "މަގުމަތީ މީހުން"ގެ ހަޔާތް ދައްކާ ޝޯއެއް ކަމަށްވާ "މަނީ އެންޑް ވަޔޮލެންސް"، ޓައިޑަލް އިން ދައްކަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ ޝޯގެ ދެވަނަ ސީޒަން ތައްޔާރު ކުރުމަށް ޓައިޑަލް އިން ބުނެފައިވާއިރު އެ ދައްކަން ފަށާނީ އަންނަ ޖެނުއަރީގައެވެ. އެ ޝޯއަކީ މީގެ ކުރިން ޔޫޓިއުބުގައި ދައްކަމުން ދިޔަ ވެބް ސީރީޒް އެކެވެ.

ޓީވީ ޝޯގެ އިތުރުން ޓައިޑަލްގެ ލައިބްރަރީގައި އެކްސްކްލޫސިވް ތަކެތި އެބަ ހުއްޓެވެ. އެގޮތުން 70 އަށްވުރެ ގިނަ އެކްސްކްލޫސިވް މިއުޒިކް ވީޑިއޯ ޓައިޑަލްގެ ލައިބްރަރީގައި ހުރި އިރު ކުރު ފިލްމު ވެސް އެ ސާވިސްގެ ލައިބްރަރީގައި ހުންނާނެއެވެ.

އެހެން މިއުޒިކް ސްޓްރީމިން ސާވިސް އާ އެއް ހަމައަކަށް އެރުމަށް މަސައްކަތް ކުރަމުން އަންނަ ޓައިޑަލް އަކީ އެންމެ ހަގު މިއުޒިކް ސްޓްރީމިން ސާވިސް އެވެ. އެހެން ނަމަވެސް ޓައިޑަލްގެ ލައިބްރަރީގައި 36 މިލިއަނަށްވުރެ ގިނަ އޯޑިއޯ ލަވަ ހިމެނެއެވެ. އަދި 86،000 ހާ މިއުޒިކް ވީޑިއޯ ވެސް ޓައިޑަލްގެ ލައިބްރަރީގައި ހިމެނެއެވެ.

ޓައިޑަލް ބޭނުން ކުރާ މީހުންގެ އަދަދު އިތުރު ވަމުން އަންނަ ކަމަށް ޖޭ ޒީ ވަނީ ބުނެފައެވެ. އެގޮތުން ވޭތުވެ ދިޔަ މަހު އެ ސްޓްރީމިން ސާވިސް އަށް އެއް މިލިއަން ސަބްސްކްރައިބަރުން ހަމަވެފައިވާ ކަމަށް ޖޭ ޒީ ވަނީ ހާމަކޮށްފައެވެ.