02 Apr 2011, 09:34
ޢަރަބި ޤައުމުތަކުގައި ހިނގަމުންދާ ޑިމޮކްރަސީގެ ޙަރަކާތްތަކާމެދު ދެފުއްދެގޮތް ސިޔާސަތެއް އެމެރިކާއާއި ޔޫރަޕް ގެންގުޅެމުންދާ ކަމަށް އެމެރިކާގެ ނޫހެއްކަމަށްވާ ކްރިސްޓިޔަން ސައެންސް މޮނޓަރ އިން ބުނެފިއެވެ.
މިނޫހުގައި އެލިސްޓަރ ކްރޮކް ލިޔުއްވާފައިވާ ތަޙްލީލީ ލިޔުމެއް ބުނާގޮތުން އެއްކޮޅުން ލީބިޔާގެ ރައްޔިތުން ގައްޒާފީގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރާމަސައްކަތަށް އެމެރިކާ ތާއީދުކޮށް އެހީތެރިވާއިރު އަނެއްކޮޅުން އެެމެރިކާ ގެންދަނީ ޔަމަންއާއި ބަޙްރައިންއާއި އެނޫން ޢަރަބި ޤައުމުތަކުގެ ރައްޔިތުން އެޤައުމުތަކުގެ ޚުދުމުޚްތާރު ވެރިންނާ ދެކޮޅަށް ކުރާހިތްވަރުގަދަ ޖިހާދަށް ލޯމަރާލައި އެޤައުމުތަކުގެ ޑިކްޓޭޓަރުންގެ އަނިޔާވެރިކަމަކީ ކަމެއްނޫންކަމަށް ހަދަމުންނެވެ.
އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ (އެމް އައި ސިކްސް) ގައި ދިގުމުއްދަތަކަށް ޚިދްމަތްކުރައްވާފައިވާ އެލިސްޓަރ ކްރޮކް ލިޔުއްވާފައިވާ ގޮތުގައި މިއީ އަބަދުވެސް ބައިނަލްއަޤްވާމީ މަސްރަޙުން ފެންނަމުންދާ އެމެރިކާއާއި ޔޫރަޕްގެ މުނާފިޤުކަމުގެ ރިވެތި މިސާލެކެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ އަނިޔާވެރިކަމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާމެދުވެސް ހުޅަނގުން ގެންގުޅެނީ އެއީ ޔަހޫދީން ހިންގާ ޖަރީމާތަކަކަށްވާތީ އެކަން ކަމަށް ނުހެދުމުގެ މުނާފިޤު ސިޔާސަތެވެ.
ބަޙްރައިންގެ ރައްޔިތުންގެ 70 އިންސައްތަ ރައްޔިތުންނަކީ ޝިޔަޢީން ކަމަށްވެފައި ބަޙްރައިންގެ ޚުދުމުޚްތާރު ނިޒާމާ ދެކޮޅަށް މައިގަނޑު ގޮތެއްގައި ތެދުވަނީ އެޤައުމުގައި ނިކަމެތި ކޮށްލެވިފައިވާ ޝިޔަޢީން ކަމަށްވާތީ އެމެރިކާއަށް މިކަން ކަމަކަށް ނުވަނީ ސަޢޫދީ އަރަބިޔާ ރުއްސުމަށެވެ.
ސަޢޫދީ އަރަބިޔާގެ ރަސްކަމުގެ ނިޒާމަކީ މުޅި އިސްލާމީ ދުނިޔޭގައިވެސް އޮތް ޑިމޮކްރަސީއާ އެންމެ ދުޝްމަން އަދި އެންމެ ބޯދާ ޚިޔާލުގެ ޚުދުމުޚްތާރު ނިޒާމު ކަމަށްވާއިރު ސަޢޫދީ ޝާހީ ޢާއިލާ ރުއްސުމަށްޓަކައި ހުޅަނގު އޮތީ ބަޙްރައިންގެ ބައިގިނަ ޝިޔަޢީންގެ ދިމުޤްރާތީ އުންމީދުތަކަށް އަޅާނުލައި ބަޙްރައިންގެ ޚުދުމުޚްތާރު ރަސްކަމުގެ ނިޒާމުގެ ފަހަތުގައި ކަމަށް މިލިޔުމުގައި އެލިސްޓަރ ކްރޮކް ތުހުމަތު ކުރައްވާފައިވެ އެވެ.
ޔަމަންގައި ވެސް ރައީސް ޢަލީ ޢަބްދުﷲ ސާލިޙްގެ ދިގުލީ ވެރިކަމުގެ ނިޒާމު ވައްޓާލުމަށް ސުލްހަވެރިގޮތުގައި ނިކުތް ރައްޔިތުންގެ އެތަށް ސަތޭކަ މަރާލައި ޒަޚަމް ކޮށްލެވިފައިވާއިރު ލީބިޔާގެ ރައްޔިތުންނާމެދު ވީފަދަ ހަމްދަރްދީއެއް ޔަމަންގެ ރައްޔިތުންނާމެދު ހުޅަނގުން ނުވާތީ ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކުގެ ނަމުގައި ހުޅަނގުން ދައްކާވާހަކަތަކުގެ މަޤްސަދާމެދު ސުވާލު އުފެދޭ ކަމަށް މިލިޔުން ބުނެއެވެ.
(ކްރިސްޓިޔަން ސައެންސް މޮނިޓަރ)