ފަތުރުވެރިކަމުގެ ދާއިރާއާ އެކު ރާއްޖޭގެ ގުދުރަތީ ރީތިކަން ދެކެ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ފްރެންޗުގެ މީޑިއާތަކަށް ނިސްބަތްވާ ހަތަރު ނޫސްވެރިއަކު ރާއްޖެ އަށް ގެނެސްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ފްރެންޗުގެ މޯލްޑިވްސް ޕީއާރު އެޖެންސީ ގުޅިގެން ގެނައި އެ ޓީމުގައި ހިމެނެނީ ފްރެންޗުގެ މީޑިއާތަކަށް ނިސްބަތްވާ ހަތަރު ނޫސްވެރިންނެވެ.

އެ ނޫސްވެރިން ރާއްޖޭގައި ހަރަކާތްތެރިވާނީ މިމަހު ދެވަނަ ދުވަހުން ފެށިގެން ހަ ވަނަ ދުވަހާ ހަމައަށެވެ.

އެމްއެމްޕީއާރުސީން ބުނީ ފްރެންޗުގެ ނޫސްވެރިންގެ އެ ދަތުރުގެ ބޭނުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ފަތުރުވެރިކަމުގެ ސިނާއަތް އެ ނޫސްވެރިންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތުދީ ރާއްޖޭގެ ފަތުރުވެރިކަން ފްރެންޗުގެ މީޑިއާ ޗެނަލްތަކުން އިޝްތިހާރުކުރުން ކަމަށެވެ.

އެގޮތުން ނޫސްވެރިންގެ އެ ދަތުރުގައި ރާއްޖޭގެ މަޝްހޫރު އަދި ފެންވަރު ރަނގަޅު ދެ ރިސޯޓް ކަމަށްވާ އަންގްސާނާ ވެލާވަރު އަދި ފޯ ސީޒަންސް ލަނޑާ ގިރާވަރަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އަދި އެ ދެ ރިސޯޓަކީ "ފެމެލީ ހޮލިޑޭސް" އަށް ހާއްސަ ދެ ރިސޯޓަކަށް ވުމުން ފެމެލީ ހޮލިޑޭސްގެ ތަޖުރިބާ އެ ނޫސްވެރިން ކުރާނެ އެވެ.

އެ ދަތުރުގައި ނޫސްވެރިންނަށް އެ ރިސޯޓުތަކުގެ ކެއުމާއި ހޮސްޕިޓަލިޓީ ތަޖުރިބާ ކުރުން ފަދަ ކަންކަމަށް ފުރުސަތުދީ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ ގޮތުން ރިސޯޓްތަކުގެ ފަރާތުން މައުލޫމާތުދޭނެ އެވެ.

ވޭތުވެދިޔަ އަހަރު ފްރެންޗް އިން ރާއްޖެ އަށް 50،656 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.