ގައުމީ ޓީމްގެ އެއް ވަނަ ގޯލް ކީޕަރު އިމްރާން މުހައްމަދުގެ ކަކުލަށް ލިބުނު އަނިޔާގެ ރިކަވަރީގެ ދަށުން އިންޑިއާގެ މުމްބާއީގެ ކޮކިލަބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގައި އެންމެ ފަހުގެ ރިކަވަރީ ފަށާފައިވާއިރު ނޮވެމްބަރު މަސް ނިމުމުގެ ކުރިން ދަނޑަށް ނިކުމެވިދާނެ ކަމުގެ އިޝާރާތެއް އޭނާ ދީފިއެވެ.

ޖޫން މަހު 16 ވަނަ ދުވަހު ހޮންކޮންއާ ދެކޮޅަށް ދިވެހި ގައުމީ ޓީމް ކުޅުނު މެޗްގައި އިމްރާންގެ ކަކުލު ހުޅަށް ލިބުނު ޕޮސްޓީރިއާ ކްރޫޝިއޭޓް ލިގަމެންޓް (ޕީސީއެލް) އިންޖަރީގެ ސާޖަރީއަށްފަހު އިއްޔެ އޭނާ ކަކުލުގެ ސާޖަރީ ހެދި ޑޮކްޓްރު ޑިންސޯ ޕާޑިވަލްއަށް ދެއްކުމަށްފަހު ޑޮކްޓަރާ ހަވާލާދީ އިމްރާން އޭނާގެ ފޭސްބުކް ޕޭޖްގެ ބުނެފައިވަނީ އޭނާގެ އިންޖަރީ 80 ނުވަތަ 85 ޕަސަންޓް ރިކަވާ ވެފައިވާ ކަމަށެވެ.

އަދި އޭނާގެ އިންޖަރީ ރިކާވާ ވަމުން އަންނަނީ ޑޮކްޓަރު އަންދާޒާ ކުރި ވަރަށްވުރެ އަވަސް ސްޕީޑެއްގައި ކަމަށާއި އެކަމާ ޑޮކްޓަރު ވަރަށް ބޮޑަށް ހިތް ހަމަޖެހިފައި ހުރި ކަމަށެވެ.

އިމްރާން އިއްޔެ ވަނީ އަމްބާނީ ހޮސްޕިޓަލްގައި ރިހެބެލިޓޭޝަން ޕްރޮގްރާމް ފަށާފައެވެ.

އެ ޓެސްޓްތަކަށް ފަހު އެނބުރި ރާއްޖެއައިސް ޕްރެކްޓިސް ފަށައި ނޮވެމްބަރު މަސް ނިމުގެ ކުރިން ދަނޑަށް ނިކުމެވޭނެ ކަމަށް އިމްރާން ބުންޏެވެ.

އިމްރާންގެ ކަކުލުގެ އޮޕަރޭޝަން ކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އަމްބާނީ ހޮސްޕިޓަލްގައެވެ.

އިމްރާން އިއްޔެ ވަނީ ގައުމީ ޓީމްގައި އޭނާ ބޭނުން ކުރާ ޖޯޒީއެއް ޑޮކްޓަރު ޕާޑިވަލްއަށްހަދިޔާކޮށްފައެވެ.