03 Nov 2015, 10:49
ރޭ ހައްޔަރުކުރި ރާއްޖެޓީވީގެ ތިން ނޫސްވެރިން ދޫކޮށްލުމަށް ރާއްޖެ ޓީވީ ގޮވާލައިފި އެވެ.
ރޭ ހައްޔަރުކޮށްފައިވާ ރާއްޖެ ޓީވީގެ ތިން ނޫސްވެރިންނަކީ ރާއްޖެޓިވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ އާއި ރިޕޯޓާ މުހައްމަދު ވިސާމް އާއި ލީވާން އަލީ އެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ ބޮމެއްކަމަށް ބެލެވޭ އެއްޗެއް ސުޓޭޑިއަމް ސަރަހައްދަށް ގެންގޮސް އޭތި ނައްތާލުމަށް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވި ވަގުތު އެކަން ކަވަރު ކުރަން އުޅުމުގެ ތެރެއިންނެވެ.
އެތިން ނޫސްވެރިން ހައްޔަރުކުރި މައްސަލަ ކުށްވެރި ކުރުމަށް ރާއްޖެ ޓީވީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ކަމާގުޅޭ ހުރިހާ މުއައްސަސާއަކަށް ގޮވާލާ ކަމަށެވެ.
ރާއްޖެ ޓިވީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެތިން ނޫސްވެރިންނަށް ފުލުހުން އެކިވަރުގެ އަނިޔާތައް ކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ ފިޔާޒު ހައްޔަރުކުރީ ފުލުހެއްގެ ގައިގައި ޖަހައި މަރާމާރީ ހިންގުމުން ކަމަށާއި އަނެއް ދެ ނޫސްވެރިން ހައްޔަރު ކުރީ ފިޔާޒު ހައްޔަރު ކުރުމަށް ހުރަސްއެޅުމުން ކަމަށެވެ.
ފުލުހުން ބުނީ އިއްޔެ އެ ތިން ނޫސްވެރިން ޑޮކްޓަރަށް ދެއްކި ކަމަށާއި އެތިން ނޫސްވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބުނުކަން ޑޮކްޓަރުން ފާހަގަކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ވިސާމް ހައްޔަރު ކުރުމުގެ ތެރޭގައި އޭނާގެ ލޮލަށް ބޭރުފުށުން ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވެދާނެ އިސްމާއިލް ވިދާޅުވި އެވެ.
"މިތަނަށް ގެނެސްގެން ގަސްތުގައި އަނިޔާކުރި ވާހަކަ އެއީ ކަނޑައެޅިގެން ދޮގުކުރަން، ކަނޑައެޅިގެން އެމީހުންނަށް އަނިޔާ ކުރުމުގެ އެއްވެސް ކަމެއް ކުރެވިފައެއް ނެތް." އިސްމާއިލް ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވީ އެތިން ނޫސްވެރިންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކުރިމިނަލް ކޯޓަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.