ޕާކިސްތާނުގެ ސިފައިން ކަޝްމީރުގައި އޮންނަ ޕާކިސްތާނު-އިންޑިއާ ބޯޑާ ކައިރިން ދެ އިންޑިއާ ފުލުހުން ބަޑި ޖަހައި މަރާލައިފި ކަމަށް އިންޑިއާގެ އަސްކަރިއްޔާ އިން އިއްޔެ ބުނެފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ ބަންޑިޕޯރާ ޑިސްޓިރިކްޓުގެ ގުރޭޒް ސަރަހައްދުގައި ކަމަށް އަސްކަރިއްޔާގެ އޮފިސަރަކު ބުންޏެވެ.

އިންޑިއާގެ އަސްކަރިއްޔާގެ އޮފިސަރަކު ބުނެފައިވާ ގޮތުގައި ޕާކިސްތާނުގެ ސިފައިން ވަނީ މެޝިން ބަޑިންނާއި ގުރެނޭޑުން ބޯޑަރު ސަރަހައްދުގައި ތިބި އިންޑިއާ ފުލުހުންނަށް ހަމަލާ ދީފައިވާ ކަމަށެވެ.

މި ހަމަލާ އާ ބެހޭ ގޮތުން ޕާކިސްތާނުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ކަޝްމީރު ބޯޑާ ސަރަހައްދުގައި ހަމަލާ ދިނުން ހުއްޓާލުމަށް 2003ގައި އިންޑިއާ އާއި ޕާކިސްތާނުން އެއްބަސްވެފައިވީ ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވާ ކަމަށް ދެ ގައުމުން އަނެއް ގައުމާ މެދު ތުހުމަތު ކުރެ އެވެ.

ބީބީސީގެ ކޮރެސްޕޮންޑެންޓުން ބުނާ ގޮތުގައި ކަޝްމީރު ބޯޑަރާ ބެހޭ ގޮތުން ދެ ގައުމުގެ މެދުގައި އޮތް ހަމަނުޖެހުންތައް މިހާރު ވަނީ 10 އަހަރުތެރޭގައި ގޯސް ނުވާ ވަރަށް ގޯސްވެފަ އެވެ.

މީގެ ކުރިން އިންޑިއާ އާއި ޕާކިސްތާނުން ވަނީ ކަޝްމީރަށް ވެރި ވުމަށް ޓަކައި ދެ ހަނގުރާމަކޮށްފަ އެވެ.

މައުލޫމާތު: ބީބީސީ