03 Nov 2015, 10:33
އިނގިރޭސި އެފްއޭއިން، ޗެލްސީގެ ކޯޗް ހޯޒޭ މޮރީނިއޯ އެއް މެޗަށް ސަސްޕެންޑްކޮށްފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގްގައި ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗްގެ ފުރަތަމަ ހާފްގައި ރެފްރީއާ ދެމެދު ހިނގި ހިތްހަމަނުޖެހުންތަކެއްގައި މޮރީނިއޯގެ އަމަލުތައް ހުރިގޮތުން އެފްއޭ އިން ވަނީ އޭނާ ސަސްޕެންޑް ކޮށް ޖޫރިމަނާކޮށްފި އެވެ.
އެ މެޗުގެ ދެވަނަ ހާފްގައި، މޮރީނިއޯ ހުންނަން ޖެހުނީ ސަޕޯޓަރުންގެ ތެރޭގަ އެވެ. އެ މެޗަށް ފަހު މީޑިއާއާ ބައްދަލުކޮށް މޮރީނިއޯ ވާހަކަ ވެސް ދައްކާފައެއް ނުވެ އެވެ.
އެއް މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން، އެފްއޭ އިން ވަނީ 40،000 ޕައުންޑުން މޮރީނިއޯ ޖޫރިމަނާ ވެސް ކޮށްފަ އެވެ. މި ސަސްޕެންޝަނާ ގުޅިގެން ލީގުގައި، ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމަށް އިރުޝާދުދޭން މޮރީނިއޯއަކަށް ނުހުރެވޭނެ އެވެ.
މިދިޔަ މަހުގައި ވެސް ރެފްރީންގެ ނިއްމުނަތަކަށް ފާޑު ކިޔުމުން މޮރީނިއޯ ވަނީ ސަސްޕެންޑް ކޮށް ޖޫރިމަނާ ކޮށްފަ އެވެ. އެ ފަހަރު ވެސް މޮރީނިއޯ ވަނީ އެއް މެޗައް ސަސްޕެންޑް ކޮށް 50،000 ޕައުންޑުން ޖޫރިމަނާ ކޮށްފަ އެވެ.
ޗެލްސީން މި ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެމުންދާ އިރު، މޮރީނިއޯ ކޯޗުކަމުން ވަކިކުރަން އުޅޭކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ. އެގޮތުން، ލީގުގައި މިހާތަނަށް 11 މެޗު ޗެލްސީން ކުޅެފައިވާ އިރު، އެޓީމު އޮތީ 11 ޕޮއިންޓާ އެކީ ލީގުގެ 15 ވަނައިގަ އެވެ.