އަންކަރާ (ނޮވެމްބަރު 3) : ތުރުކީގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި އާންމު އިންތިޚާބުގެ ނަތީޖާއަކީ ތުރުކީ ރައްޔިތުން ސިޔާސީ ގޮތުން ތަސައްރަފް ފުދިފައިވާ މިންވަރު އަންގައި ދޭ ނަތީޖާއެއް ކަމަށާއި އެ ނަތީޖާއަށް އިހުތިރާމް ކުރުމަށް ތުރުކީގެ ސިޔާސީ ޕާޓީތަކަށާއި އެ ގައުމަށް ފާޑުކިޔާ ބޭރުގެ ފަރާތްތަކަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ގޮވާލައްވައިފި އެވެ.

އަންކަރާގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ އިންތިޚާބުގެ ނަތީޖާއިން ތުރުކީ ދާންވާ މަގު ޗާޓް ރައްޔިތުން އަލުން ކުރަހައި ދީފި ކަމަށާއި ތުރުކީގެ ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކުގެ ލީޑަރުންނަށް އޮތީ ރައްޔިތުން ދައްކައިދިން މަގުން ހިނގުން ކަމުގަ އެވެ. މީގެ އިތުރުން އުރުދުޣާން ވިދާޅުވީ އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ތުރުކީގެ ސިޔާސީ ވާދަވެރިންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ވެސް ފިލުވާލައި އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމުގަ އެވެ. މި ގޮތުން އިންތިޚާބުގެ ވާދަވެރިކަމާއެކު ގައުމުގައި އުފެދިގެންދިޔަ ނުތަނަވަސްކަން އަވަސް ގޮތެއްގައި ފިލުވާލަންޖެހޭ ކަމަށާއި ހުރިހާ ރައްޔިތުން އެކަތިގަނޑަކަށްވެގެން ތުރުކީ ޙިމާޔަތުގައި ނުތިބޭނަމަ ގައުމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެގެން ހިނގައިދާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ. އުރުދުޣާން އުފެއްދެވި އަދި ކުރިން އޭނާ ޒައީމަކަށް ހުންނެވި އިސްލާމީ ފިކުރުގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ ވަނީ މި އިންތިޚާބު ކާމިޔާބުކޮށް ތުރުކީ ޕާލަމެންޓްގެ ދެބައިކުޅަ އެއްބަޔަށްވުރެ ވެސް ގިނަ ގޮނޑި ކާމިޔާބު ކޮށްފައެވެ.

މިއާ ގާތަށް ވެސް ތުރުކީގެ ލާދިނީ ފިކުރުގެ އިލްމާނީ ޕާޓީއަކަށް އާދެވިފައެއް ނުވެ އެވެ. ފާއިތުވި 14 އަހަރު ވެސް ތުރުކީގައި ވެރިކަން ކޮށްފައި ވަނީ ޖަސްޓިސް ޕާޓީންނެވެ. އައު ސަރުކާރެއް އެކުލަވާލުމުގެ ކަންތައް އުރުދުޣާން ޙަވާލު ކުރައްވާނީ ޖަސްޓިސްޕާޓީގެ ރައީސް އަދި މިހާރުގެ ވަގުތީ ބޮޑުވަޒީރު އަހްމަދު ދާވޫދު އޮގްލޯއާ ކަމަށްވަނީ ބެލެވިފައެވެ. އުރުދުޣާން ވިދާޅުވީ މިގޮތުން ތުރުކީގައި ބޮންގޮއްވައި އެގައުމު ހަމަނުޖެހުންތަކެއްގެ ތެރެއަށް ވައްޓާލުމަށް ރާވަމުންދާ އެތަށް ބަޔަކު އެބަތިބި ކަމަށާއި އެ މީހުންނަށް ކިރިޔާ ފުރްސަތެއް ލިބުނު ނަމަވެސް އެކަން ކުރަމުންގެންދާނެ ކަމުގަ އެވެ. އެހެންކަމުން ރައްޔިތުން އެކަތި ގަނޑަކަށްވެ އެއްބައިވަންތަ ވެގެން ދުޝްމަނުންނަށް މިފުރްސަތު ނުދިނުމަށްވެސް ރައްޔިތުންގެ ކިބައިން އުރުދުޣާން އެދިވަޑައިގެންނެވިއެވެ. (އަލްޖަޒީރާ)