03 Nov 2015, 09:57
ތުއްތު ކުއްޖާގެ ފުރަތަމަ ދެ އަހަރުގައި ދިމާވާ މައްސަލަތަކުގެ މައްޗަށް ހޭލުންތެރިކުރުވާ ގާތުން ކިރުދިނުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން ޑޮކްޓަރުން ހޭލުންތެރި ކުރުމަށް ވޯކްޝޮޕެއް ބާއްވައިފި އެވެ.
ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕަކީ ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި ޔުނިސެފް އިން ގުޅިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.
އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕުގައި 24 ޑޮކްޓަރުންނަށް މައުލޫމާތުދީ ހޭލުންތެރިކޮށްފައިވެ އެވެ.
ޖުމްލަ ތިން ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕުގައި ތުއްތު ކުދިންގެ ސިއްހަތާއި ގާތުން ކިރު ދިނުމާ ހުރި ގުޅުމުގެ މައްޗަށް މައުލޫމާތު ދިނުން ހިމެނެ އެވެ. އޭގެ އިތުރުން ހޮސްޕިޓަލުތަކަށް ގޮސް މައިންނާ ބައްދަލު ކުރުމުގެ އިތުރުން އެކްޓިވް ކޮމިއުނިކޭޝަން ވެސް ވަނީ އެ ވޯކްޝޮޕުގެ ތެރެއިން ކުރިއަށް ގެންގޮސްފަ އެވެ.
ވޯކްޝޮޕް ނިންމުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވޯކްޝޮޕުގެ ބައިވެރިއަކު ބުނީ އެ ވޯކްޝޮޕުގެ ސަބަބުން ހާއްސަ ހާލަތުގައި ގާތުން ކިރު ދިނުމާ ގުޅޭ ގޮތުން މައުލޫމާތު ލިބުނު ކަމަށެވެ. އެގޮތުން ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ވެސް މެދުކަނޑާ ނުލާ ތުއްތު ކުއްޖައަށް ގާތުން ކިރުދޭނެ ގޮތްތައް އެ ވޯކްޝޮޕުގައި ކިޔަދީފައިވާ ކަމަށް އޭނާ ބުންޏެވެ.
ގާތުން ކިރު ދިނުމުގެ ސަބަބުން ތުއްތު ކުއްޖާގެ ސިއްހަތު ރަނގަޅުވެ ކުޑަ އުމުރުގައި މަރުވުމަށް ދިމާވާ ސަބަބުތައް މަދުވެގެންދާ ކަމަށް ދިރާސާތަކުން ހާމަވެ އެވެ.
ނިމުނު ވޯކްޝޮޕުގެ ޒަރިއްޔާއިން ރަށްރަށުގައި މަސައްކަތް ކުރާ ހެލްތު ވޯކަރުންނާއި ނަރުހުންނަށް، ގާތުން ކިރު ދިނުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން ހޭލުންތެރި ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް ވޯކްޝޮޕުގެ ބައިވެރިން ވަނީ ބުނެފަ އެވެ.