ގިނަ އަދަދެއްގެ ހަތިޔާރާއި، ބޮން ހަދަން ބޭނުންކުރާ ތަކެތިފެނު މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގައި އެޖަރީމާ ހިންގި ބަޔަކަށް ހައްގު އަދަބު ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި ހިތާބުގައި، ވިދާޅުވެފައިވަނީ ހަތިޔާރާއި ބޮން ފެނުނު މައްސަލައާ ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގައި، އެކަމުގައި ޒިންމާވާ ހުރިހާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދޭނެ ކަމަށެވެ.

"ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ މި ޚުޠޫރަތްތެރި ދަނޑިވަޅުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް، ސަރުކާރުން އަޅަމުން ގެންދާނެ ކަމުގެ ޔަޤީންކަން، މި ފުރުޞަތުގައިވެސް ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.

ނަސްރުގެ ދުވަހުގެ ހާދިސާއިން ދިވެހިން ލިބިގަންނަންވީ އެންމެބޮޑު އިބްރަތަކީ، ގައުމުގެ އަމާންކަމާއި ސުލްހަވެރިކަން ނަގާލުމަށް ދަހިވެތިވެފައިވާ ބަޔަކު، ގައުމުގެ އެތެރޭގަޔާއި ބޭރުގައި، ސިއްރާއި ފާޅުގައި އުޅެމުންގެންދާ ކަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން [ފިނިފެންމާ] ލޯންޗްގައި އެއްޗެއް ގޮއްވާލުމުގެ ބިރުވެރި އަމަލަކީވެސް ވެރިކަމުގެ ދަހިވެތިކަމުގައި ދީފައިވާ ހަމަލާއެއްކަން މިހާރު ޔަގީން ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަސްރުގެ ދުވަހަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވިދާޅުވީ، ނަސްރުގެ ދުވަހުން ލިބިގަންނަންވީ ފިލާވަޅަކީ، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް އިހްލާސްތެރިވުމުގެ މުހިންމު ކަން ކަމަށެވެ.

"ދިވެހި ގައުމަށް އިހްލާސްތެރިވެވަޑައިގަތުމަށާއި، ވެރިކަމުގެ ދަހިވެތިކަމުގައި އެކި ފަރާތްތަކުން ރާވާ ރޭވުންތަކަށް ސަމާލުވެ ތިއްބެވުމަށް، މިއަދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން،" ރައީސް ވިދާޅުވިއެވެ.

އެދުވަހު ދިވެހި ސިފައިން ގައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޖިހާދަކީ، ދުވަހަކުވެސް އަޅުގަނޑުމެން ދިވެހިންގެ ހަނދާނުން ފުހެވިގެންދާނެ ޖިހާދެއް ނޫންކަމަށް ވިދާޅުވެ ރައީސް ވަނީ ސިފައިންނަށް ޝުކުރު އަދާކޮށްފައެވެ.