މޯބައިލް ފޯނު މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރުމަށް ދޮރު ހުޅުވާލުމަށް ދިރާގުން "މޯބައިލް މަނީ ސާވިސް" ތައާރަފު ކުރުމަށް ފުރަތަމަ ފަހަރަށް ރަސްމީކޮށް ޑެމޯ ދައްކާލައިފި އެވެ.

ިދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރާއްޖޭގައި ފުރަތަމަ ފަރަށް ބާއްވާ ފައިނޭންޝަލް އެކްސްޕޯގައި މޯބައިލް މަނީގެ ހިދުމަތް ދިރާގުން ދައްކާލާފައި ވަނީ މިއަދު އެވެ.

މޯބައިލް މަނީގެ ހިދުމަތް ރާއްޖެ އަށް ތައާރަފްކުރުމަށް ބޭނުންވާ ލައިސަންސް މިހާރު ދީފައިވާ އިރު އެ ހިދުމަތް ރަސްމީކޮށް ފޯރުކޮށްދިނުމުގެ ހުއްދަ، މިހާރު އެމްއެމްއޭ އިން ދީފައިވާ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގުން މޯބައިލް މަނީ ސާވިސް ދައްކާލުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ދިރާގު

ދިރާގުން ތައާރަފުކުރާ އެ ހިދުމަތުގެ ސަބަބުން ފޯނު، އިލެކްޓްރޯނިކް ވޮލެޓެއްގެ ގޮތުގައި ބޭނުން ކުރަން ފެށޭނެ ކަމަށް ދިރާގުން ބުންޏެވެ. އެ ހިދުމަތާ ގުޅިގެން ރާއްޖޭގެ ކުދި ބޮޑު ހުރިހާ ވިޔަފާރިތަކަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގުން ބުނީ އަންސްޓްރަކްޗާޑް ސަޕްލިމެންޓްރީ ސާވިސް ޑޭޓާ (ޔޫއެސްއެސްޑީ)ގެ ހިދުމަތް ލިބޭ ކޮންމެ ފޯނަކަށް ވެސް އެ ހިދުމަތް ލިބޭނެ ކަމަށެވެ. ކަސްޓަމަރުން ބޭނުންވާ ފައިސާގެ އަދަދެއް އެމީހެއްގެ މޯބައިލް މަނީ އެކައުންޓަށް ޖަމާކުރުމަށް ފަހު އެ ހިދުމަތް ބޭނުން ކޮށްގެން ފައިސާގެ މުއާމަލާތް ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ މޯބައިލް މަނީ ބޭނުންކޮށްގެން ކުރެވޭ އިތުރު ކަންތަކުގެ ތެރޭގައި މޯބައިލް އެކައުންޓް ބޭނުންކޮށްގެން ފައިސާ ޓްރާންސްފާ ކުރުން ހިމެނެ އެވެ.

ދިރާގުން ބުނީ މޯބައިލް މަނީގެ ހިދުމަތް ކުރިއަށް އޮތް ހަ މަސްތެރޭގައި ރަސްމީކޮށް ތައާރަފުކޮށް އާންމުންނަށް ބޭނުން ކުރަން ފެށޭނެ ކަމަށެވެ. އެ ހިދުމަތަކީ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެ ހިދުމަތެކެވެ.