03 Nov 2015, 09:46
އެދުވަހު އިރުއަރައިގެން އައިއިރު މުޅި މާލެތެރޭން އިވެމުން ދިޔައީ ބަޑީގެ ގަދަފަދަ އަޑުފަށްގަނޑެވެ. ރައްޔިތުންގެ އިތުރުން ސަލާމަތީ ބާރުތައް ވެސް ތިބީ ހައިރާންކަމާއި ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ވެރިރަށް މާލެ ހަނގުރާމައިގެ މައިދާނަކަށް ބަދަލުކޮށްލީ ދިވެހިންތަކެއް އިސްވެ ތިބެގެންނެވެ. ދިވެހީންގެ ޚާއިނުންތަކެއް ލަންކާގެ ޓައިގަރުންގެ ރަޙުމްކުޑަ ބައިގަނޑަކާ ގުޅިގެން ދިން އެ އަނިޔާވެރި ހަމަލާތަކުގައި 19 ދިވެއްސެއްގެ ހަށިގަނޑު ފޫއަޅުވައި ޝަހީދު ކޮށްލި އެވެ. އެ ދުވަހަށް މިއަދު 27 އަހަރު ފުރުނު އިރު ދިވެހިން މިވަނީ އެހާދިސާ އިން އެތައް އިބުރަތެއް ހާސިލް ކުރަންވެފަ އެވެ.
އެދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދިން ދުވަހެކެވެ. ހަމައެހެންމެ ދިވެހިންގެ ހިތްވަރު ގަދަ ބަތަލުންގެ އަގުހުރި ޖިހާދު އެދުވަހު ފެނިގެން ދިޔަ އެވެ. އެ ދުވަހުގެ ބަތަލުންގެ ތެރޭގައި ހިމެނޭ ހުސެއިން އާދަމް ފަދައިން ޝަހީދުވި، ބޭފުޅުންގެ މަތިން ދިވެހިން ހަނދާނެއް ނުނެތެ އެވެ. އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް ފަދަ އެތައް ބޭފުޅުނެއް ދިވެހި ގައުމަށް ޓަކައި ކުރި ޖިހާދުގެ ހަނދާންތައް ދިވެހިން އާ ކުރަނީ އުފަލާއެކު އެވެ. އިންޑިއާ އިން އެ ދުވަހު ފޯރުކޮށްދިން އެހީ ދިވެހިން ޝުކުރުވެރިކަމާ އެކު ބަލައިގަނެވެ. ހުރިހާ ނަސްރަކަށް މާތްﷲ އަށް ކޮންމެ ދިވެއްސަކު ވެސް ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވެ އެވެ. މިއަދު މިހާލަތުގައި އެފަދަ ބަތަލުންނަށް ހަމަ މިގައުމު އެދެ އެވެ.
ދިވެހިން އިސްވެ ތިބެ ބޭރުން ބަޔަކު ގެނެސްގެން މިގައުމުގައި ހިންގި ޖަރީމާފަދަ ޖަރީމާތައް ހިންގަން ދިވެހިން މަސައްކަތް ކުރާ ފަދަ ހެކިތައް މިވަނީ އަނެއްކާ ވެސް ފެންނަން ފަށައިފަ އެވެ. ތިނެއް ނޮވެމްބަރުގެ ބިރުވެރި ހާދިސާ ތަކުރާރުވާން ނޭދޭ ނަމަ މިކަންކަމުން ސަލާމަތް ވާންޖެހެ އެވެ.
އެދުވަހު އެމިސާލު ފެނުނު ނަމަވެސް މިއަދު އަސްކަރީ ބޭފުޅުންގެ ތެރެއިން ވެސް ދެކެން ބޭނުން ނުވާ މަންޒަރުތައް މިވަނީ ފެންމަތިވާން ފަށައިފަ އެވެ. ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާގައި ވެސް އަސްކަރީ ފަރާތްތަކުގެ މައްޗަށް ތުހުމަތުގެ އިނގިލި މިވަނީ ދިއްކުރެވެން ފަށައިފަ އެވެ. ހަމައެހެންމެ މިހާތަނަށް ރާއްޖެ އިން ނުގަވައިދުން އެންމެ ގިނައިން ހަތިޔާރު ފެނުނު މައްސަލާގައި ވެސް އަސްކަރީ ބޭފުޅުންގެ މައްޗަށް މިވަނީ ތުހުމަތުކުރެވިފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ އެއް ކަމަކަށްވަނީ ނުގަވައިދުން ގެންގުޅެނިކޮށް ފެނުނު ހަތިޔާރުތަކުގެ ތެރޭގައި ސިފައިންގޭ ބަޑިގުދަނުން ގަވައިދާ ހިލާފަށް ގެންގޮސްފައިވާ ހަތިޔާރު ހިމެނޭ ކަމެވެ.
އިސްވެ މިފާހަގަ ކުރި ކަންތައްތަކަށް ބަލާއިރު ގައުމު ސަލާމަތް ކުރަން ތިބި ސަލާމަތީ ބާރުތަކާ މެދު މިވަނީ ނުކިއްސަރު އިނގިލިތަކެއް ދިއްކުރުމުގެ ފުރުސަތު ލިބިފަ އެވެ. އެހެން އެވަނީ ކީއްވެގެންބާ އެވެ؟ ސަލާމަތީ ބާރުގައި 17 އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ ކުރީގެ ސިފައިންގެ ބޭފުޅަކު ވިދާޅުވި ގޮތުގައި މިހާރު ދިމާވާ އެންމެ ބޮޑު މައްސަލައަކަށް ވަނީ ގައުމީ ހިދުމަތަށް ނިކުތުމުގެ ރޫހުގައި އަސްކަރިއްޔާއާ ގުޅޭ ފަރާތްތައް މަދުވުމެވެ.
"މިހާރު މިއަންނަނީ މުސާރައަށް، ލާރި ފިޔަވައި އިތުރު ޝައުގުވެރިކަމެއް އެމީހުންގެ ނެތް. އެހެންވީމަ ކަންތައް ވާގޮތް މިއީ،" ސިފައިންގޭގައި މަސައްކަތް ކޮށްފައިވާ ބޭފުޅަކު ވިދާޅުވި އެވެ.
ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ބުނާގޮތުން މިހާރު ކަންކަން ރަނގަޅަށްދާގޮތަށް ވެސް ކަންކަން ދަނީ މިހާރު އެއިދާރާތަކުގައި ތިބި ދުވަސްވީ މީހުންގެ ހަރުދަނާ ކަމުންނެވެ. އޭގެ ބަދަލުގައި މިހާރުގެ ޒުވާނުންގެ ފަރާތުން ފެންނަ މަންޒަރުން ދުވަސްކޮޅެއްގެ ތެރޭގައި އެ ތެދުވެރި ގައުމީ ހިދުމަތުގެ ރޫހު ނެތިގެއްލިދާނެ ކަމުގެ ބިރުއޮތްކަމަށް އެފަރާތްތަކުން ބުނެ އެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަންކަން ފުލުހުންނާއި ސިފައިންގެ މުއައްސަސާގެ ތެރެއިން ފެނިގެން ގޮސްފައިވާ ކަމަށެވެ. އެ ކަންކަމަށް ބަލައި ދެ މުއައްސަސާގެ ހިންގުން ވެސް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް ނަވާޒު ވިދާޅުވި އެވެ.
"އިތުރަށް މިކަހަލަ ކަންތައް ވިޔަނުދީ، މިކަހަލަ ފުރުސަތުތައް ތަނަވަސްނުވާނެ ގޮތަކަށް އަޅުގަނޑުމެންގެ ދެ މުއައްސަސާގެ ވެސް މަސައްކަތް ބައްޓަންކުރަން ޖެހިފައި އޮތް ދަނޑިވަޅެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ނަވާޒު ވިދާޅުވި އެވެ.
ސަލާމަތީ ބާރުތަކުގެ އިތުރުން ތިނެއް ނޮވެމްބަރަކީ އާންމު ރައްޔިތުންވެސް އިބުރަތް ހާސިލް ކުރަންޖެހޭ ދުވަހެކެވެ. މީގެ 27 އަހަރު ކުރިން އެދުވަހު އަތޮޅުތެރޭގެ ހާލަތު ވެސް އޮތީ އާދައިގެ ގޮތަކަށެވެ. މާލެއަށް ބަޔަކު ބަޑިހިފައިގެން އަރައިގެން އުޅޭ ވާހަކަ އަޑުއިވުމާ އެކު ހުރިހާ އެންމެން އެއްތަނަކަށް ޖަމާވި އެވެ. ރަށާއި ވަޒަން ދިފާއުކުރުމުގައި އެދުވަހު އެންމެން އަތް ގުޅުވާލިއެވެ. ގައުމީ ރޫހު ދައްކުވައިދިނެވެ. ނަމަވެސް އެއީ އެ ދުވަހުގެ ހާލަތެވެ. މިއަދު މަންޒަރު މުޅިން ތަފާތެވެ.
މިއަދު މިގައުމު އެދެނީ ކަނޑި ބަޑީގެ ހަމަލާއަކުން ރައްކާތެރިވުމުގެ ނަސްރެއްނޫނެވެ. ގައުމު މިއަދު އެދި ރޮނީ ފިތުނަޔާއި ފަސާދައިގެ މައްޗަށް ނަސްރެވެ. ގައުމު އެދެނީ ނަޒާހާތްތެރި އިންތިހާބެއްގެ ނަސްރެވެ. އިގްތިސާދީ ދުޅަހެޔޮ ކަމުގެ ނަސްރަކަށެވެ. މިއަދުގެ ގައުމުގެ ހާލަތު ވަނީ ބަދަލުވެފަ އެވެ. ކުދި ބޮޑު މީހުންނަށް ކުރާ އިހުތިރާމް ވަނީ ގެއްލިފަ އެވެ. ގަބީލާތަކެއްހެން ޕާޓީތަކުގެ އަވާގައިޖެހި މުޅި ގައުމު ވަނީ "ސިޔާސީ ކަސްތޮޅެއްގަ" އެވެ. ޕާޓީ މީހަކަށް ނުވިއްޔާ ރަހުމަތްތެރިއަކަށް ތިމާގެ މީހަކަށް އަދި މައިންބަފައިންނާއި އަނބިދަރިންނަށް ވެސް ބެލުމެއް ނެތެވެ.
ކިރިޔާ ކަމެއް ވާއިރަށް އެވާހަކަ ހިފައިގެން "ކުޓުވަން" ބޭރުގެ ފަރާތްތަކުގެ ކައިރިއަށް ދުވާ މަންޒަރު ނޫން މަންޒަރެއް ނުފެނެ އެވެ. ވެރިކަމުގެ ކޯޅުންތަކާއި ސިޔާސީ އެދުންވެރިކަމުގެ ބޭނުމުގައި ވެސް މިރާއްޖޭގައި ފެންނަން އޮންނަނީ ހަމަ ކޮންމެ ކަމެއް ވާއިރަށް ބޭރުގެ ފަރާތްތަކަށް ދައުވަތު ދޭތަނެވެ. ނުވަތަ އެކަންކަމަށް އެދި ސަލާންޖަހާ މަންޒަރެކެވެ. އެއާއެކު ދެންއުޅޭނީ ދުނިޔެމަތީ ސުވަރުގެ ގޮތުގައި މަޝްހޫރުވެފައިވާ ރާއްޖެ "ނަރަކަ" އެއްގެ ގޮތުގައި ސިފަކުރުމަށެވެ.
ތިނެއް ނޮވެމްބަރު އެގޮތަށް ތަކުރާރުވާކަށް އެއްވެސް ދިވެއްސަކު ނޭދެ އެވެ. އެހެންކަަމަށްވާ ނަމަ މިފަދަ ދުވަސްތަކުން އިބްރަތް ހާސިލް ކުރަންޖެހެ އެވެ. ސަލާމަތީ ބާރުތަކުން ވެސް ގައުމީ ރޫހް ދައްކުވައި ގައުމީ ހިދުމަތް ގައުމަށް ޓަކައި ކުރަން އެބަޖެހެ އެވެ. ހަމައެއާ އެކު އާންމުން ވެސް ގައުމު އިސްކުރަންޖެހެ އެވެ.