02 Nov 2015, 21:30
ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ނުކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ކުއްލި ހާލަތު އިއުލާން ނުކުރާ ކަމަށް ފޮރިން މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން މިރޭ ކުރި ޓްވީޓެއްގައި ބުނި ނަމަވެސް، އެހެން ބުނި ސަބަބެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އޭގެ ކުރިން ކުރި ޓްވީޓެއްގައި ލިޔެފައި ވަނީ މިރޭ މުލީއާގޭ ކައިރިން، ގޮވާޒާތުގެ ޑިވައިސް އެއް ކަމަށް ބެލެވޭ އެއްޗެއް ފެނުނު ހާދިސާއާ ބެހޭ މައުލޫމާތެވެ.
އެގޮތުން ބުނެފައި ވަނީ، ފުލުހުންނަށް މާލެއިން ޑިވައިސް އެއް ފެނިފައިވާ ކަމަށާއި އެމްއެންޑީއެފުން އެޑިވައިސް ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އެއީ ގޮވާ އެއްޗެއް ކަން އަދި ކަށަވަރު ނުކުރެވޭ ކަމަށް ވެސް ބުނެފައި ވެއެވެ.
ކުއްލި ހާލަތު އިއުލާން ނުކުރާ ކަމަށް ބުނެ ފޮރިން މިނިސްޓްރީން ޓްވީޓް ކުރީ މިރޭ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނުގައި މާލޭގެ ބޮޑު ސަރަހައްދެއް ބަންދު ކުރުމުން އެ މިނިސްޓްރީއަށް ސުވާލުތަކެއް ކުރިމަތި ވެގެން ކަމަށް ބެލެވެއެވެ.