01 Apr 2011, 21:37
ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރާއްޖޭން ބޭރަށް އެކިގޮތްގޮތަށް ފޮނުވާ ފައިސާ ހުއްޓުވުމަށާއި ޝައްކުކުރެވޭ ގޮތްގޮތަށް ފައިސާ ބޭރުވާ ބޭރުވުންތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭ ގޮތުން ބޭރުގެ ގައުމަތަކަށް ފައިސާ ފޮނުވައިދޭ ތަންތަނާއެކު ފުލުހުން މަޝްވަރާކޮށްފި އެވެ.
ޑޮލަރުގެ ކަޅުބާޒާރު ނައްތާލުމަށް ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަނުގެ ދަށުން އެކިގޮތްގޮތަށް ރާއްޖޭން ބޭރަށް ޑޮލަރު ފޮނުވައިދޭ ތަންތަން ނުވަތަ މަނީ ޓްރާންސްފާ އޭޖެންސީތަކާ ބައްދަލުކޮށްފައިވާ ކަމަށް މިއަދު ފުލުހުންގެ ވެބްސައިޓުގައި ބުނެފައި ވެއެވެ. އެގޮތުން އެކި ގައުމުތަކަށް ރާއްޖެއިން ފައިސާ ފޮނުވައިދޭ ތަންތަން ކަމުގައިވާ ވެސްޓަރން ޔޫނިއަންއާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ފުލުހުން ވަނީ ބައްދަލުކޮށްފަ އެވެ.
"ވެސްޓަރން ޔޫނިއަންއާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއެކު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު ބައްދަލުވުމުގައި ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރާއްޖޭން ބޭރަށް އެކިގޮތްގޮތަށް ފައިސާ ފޮނުވުން ހުއްޓުވުމާއި، ޝައްކުކުރެވޭ ގޮތްގޮތަށް ފައިސާ ބޭރުވާ ބޭރުވުންތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި އެފަރާތްތައް މެދުވެރިކޮށް ޝައްކުކުރެވޭ ގޮތްގޮތަށް ފައިސާ ބޭރުކުރާ ފަރާތްތަކާގުޅޭ މަޢުލޫ'މާތު ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ފުލުހުންނަށް ފޯރުކޮށްދިނުމަށްވެސް އެފަރާތްތަކުގައި ފުލުހުން ވަނީ އެދިފައެވެ،" ފުލުހުން ބުންޏެވެ.
މީގެއިތުރުންވެސް ރާއްޖޭން ބޭރަށް އެކިގޮތްގޮތަށް ގިނަ އަދަދުތަކުން ފައިސާ ބޭރުވާ ގޮތްތައް ދެނެގަނެ، ގާނޫނާއި އެއްގޮތަށް ބޭރުފައިސާ ގަނެ ވިއްކުމަށް ބާރުއެޅުމާއި، ރާއްޖޭން ބޭރަށް ފައިސާ ގެންދާ ގޮތްތަށް ހަރުދަނާ ކުރުމަށް ފުލުހުންނަށް އެޅިދާނެ ފިޔަވަޅުތައް މި އޮޕަރޭޝަންގެ ދަށުން ވަނީ ދިރާސާ ކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޝައްކުކުރެވޭ ގޮތްގޮތަށް ރާއްޖޭން ބޭރަށް އެކިގޮތްގޮތަށް ފައިސާ ފޮނުވާކަމުގެ މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމައުލޫމާތު ފުލުހުންނާ ހިއްސާކޮށްދިނުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ. އަދި މިގޮތަށް ފުލުހުންނަށް ފޯރުކޮށްދޭ މައުލޫމާތު ސިއްރުކުރުމަށް އެދޭ ފަރާތްތަކުގެ މައުލޫމާތު ފުލުހުން ސިއްރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ދީފައި ވެއެވެ.