21 Apr 2010, 10:02
10:00
ނ. މާފަރުން ފުރައިގެން މާލެ އައުމަށް ދަތުރުކުރި އުފުއްޔެއް ބަންޑުންޖަހާލައި ދެ މީހަކު ގެއްލި، ދެ އެކްސްކަވޭޓަރާއި ޓްރެކްޓަރެއް ކަނޑު އަޑިއަށް ހިނގައްޖެ އެވެ.
ކޯސްގާޑުން ބުނީ ސީލައިން ހޯލްޑިންގެ ފަރާތުން ކުއްޔަށް ހިފައިގެން އުޅޭ އާރުކޭއެލްގެ އެ އުފުލި، ހަތް މީހުންނާއެކު ބަނޑުން ޖަހާލާފައި ވަނީ ރޭ 10:30 ހާއިރު މާފަރާއި ނ.މަނަދޫއާ ދޭތެރޭގައި އޮތް ތިލައަކަށް އަރައިގެން ކަމަށެވެ. އަދި އެ ހާދިސާގައި ގެއްލިފައި ވަނީ އާރު.ކޭ.އެލްގެ މުވައްޒަފެއް ކަމަށްވާ ލ.ދަނބިދޫ، ކުޑަދަހަރާގޭ އިބްރާހިމް ރަމީޒާއި ސީ ލައިންގެ މުވައްޒަފެއް ކަމަށްވާ ޅ. ހިންނަވަރު، ޑްރިންކްގޭ އިބްރާހިމް މުޙައްމަދު ކަމަށް ކޯސްޓްގާޑުން ބުނެ އެވެ. އަދި އެ ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުން އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ކޯސްޓްގާޑުން ބުނެ އެވެ.
މިހާދިސާ ހިނގިއިރު އެއުފުލީގައި ހުރި މީހަކު ސަންއެފްއެމަށް މައުލޫމާތު ދެމުން ބުނީ އެ އުފުލި ބަނޑުން ޖަހާލާފައި ވަނީ ރޭ ގާތްގަނޑަކަށް 11 ޖަހާކަންހާއިރު އެއް އިންޖީނަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދިޔަވެގެން ގޮސް އޭގައި ހުރި ބައެއް ވެހިކަލްތައް އަރިއަޅައިލައިގެން ކަމަށެވެ. އަދި ބަންޑުން ޖަހާލުމާއެކު ހަތަރު މީހަކު ފަތާގައި ގޮސް މާފަރަށް އަރައި އެރަށުގެ މީހުންގެ އެހީ ހޯދީ ކަމަށް ވެސް އޭނާ ކިޔައިދިނެވެ. އަދި އެރަށު ބަޔަކު އެސަރަހައްދަށްދިޔަ އިރު އެމީހުންގެ ތެރެއިން އެކަކު އުފުލި ކައިރީގައި އޮތް ކަމަށާއި އަނެއް ދެ މީހުންނަށް ވީނުވީ އަދި އެނގިފައިނުވާ ކަމަށްވެސް އޭނާ ބުންޏެވެ.
މި އުފުލީގައި ދަތުރުކުރި ހަތް މީހުންގެ ތެރޭގައި އާރު.ކޭ.އެލްގެ ތިން މުވައްޒަފުންނާއި، ސީ ލައިން ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ހަތަރު މުވައްޒަފުން ހިމެނޭ ކަމަށްވެސް ކޯސްޓްގާޑުން ބުނެ އެވެ.