02 Nov 2015, 21:45
މާލެއިން ފުރައިގެން ދިޔަ ބޯޓަކުން ގއ. ވިލިނގިއްޔަށް މަސްތުވާތަކެތި ގެންދިޔަ މީހާ އެރަށު ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުމުރުން 25 އަހަރުގެ އެމީހާ ވިލިނގިލީ ކޯޓުން ދޫކޮށްލާފައި ވަނީ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ބުނެ ކަމަށެވެ.
ގއ. އަތޮޅުގައި ހަރަކާތްތެރިވަމުންދާ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެމީހާ ހައްޔަރުކޮށްފައި ވަނީ މާލެއިން ފުރައިގެން ވިލިނގިއްޔަށް ދިޔަ ބޯޓަކުން ފޮށިގަނޑެއް ހިފައިގެން ދަނިކޮށް އިއްޔެ ހަވީރު 3:47 ހާއިރުއެވެ.
ވިލިނގިލީ ކޯޓުން އެމީހާ ދޫކޮށްލިނަމަވެސް އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތެއް ޕްރޮސިކިއުޓާ ޖެނެރަލްއަށް މިހާރު ލިބިގެނެއް ނުވެއެވެ. ސަބަބަކީ ރާއްޖޭގެ ދެކުނުގައި ގާއިމްކުރަންޖެހޭ ހައިކޯޓުގެ ގޮފި މިހާތަނަށް ވެސް ގާއިމްކޮށްފައިނުވާތީ އެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ގޮފި ގާއިމް ކުރުމަކީ ސުޕްރީމް ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ގާނޫނީ މަސްއޫލިއްޔަތެއް ކަމުގައި ވިޔަސް މިއަދާ ހަމައަށް ވެސް އެކަން ކޮށްފައެއް ނުވެއެވެ.