ރީޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި ބޮމެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް ފުލުހުން ހައްޔަރުކުރި ޅ. ހިންނަވަރު، ނައިލޯނުގެ، އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް) ގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ޝުމްބާގެ ބަންދަށް 15 ދުވަސްޖެހީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސްރީލަންކާގައި ހުއްޓައި ފުލުހުން ހައްޔަރުކޮށްގެން ރާއްޖެ ގެނެސް މިހާރު ދޫނިދޫގައި ހައްޔަރުކޮށްފައިވާ ޝުމްބާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޝުމްބާ ގޮންގް ޝްރީލަންކާ އިން ހައްޔަރުކޮށްފައި ވަނީ ދިވެހި ފުލުހުންނާއި ޝްރީލަންކާގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެގެ ވަގުތެއްގައި ޝަރީލަންކާ އިންނެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ނެޝަނަލް އިންކުއަރީ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ރާއްޖޭން ބޭރުގައި ތިބި އަށް މީހަކު ރާއްޖެ އައުމަށް އަންގާފައެވެ. އަދި އެމީހުން ރާއްޖެ ނައިސްފި ނަމަ އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރޭނެ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެ އައުމަށް އުމަރު އިއްޔެ އިއުލާނު ކުރެއްވި އަށް މީހުންގެ ތެރޭގައި ޝުމްބާ ގޮންގްވެސް ހިމެނެ އެވެ.

ޝުމްބާ ގޮންގް އަކީ ނައިބު ރައީސް އަހުމަދު އަދީބު ޕްރޮމޯޓް ކުރުމަށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އެކްޓިވިސްޓެކެވެ. ނައިބު ރައީސް އަދީބު ހައްޔަރު ކުރުމާ ގުޅިގެން އޭނާ ވަނީ ސަރުކާރާ ދެކޮޅަށް ފާޑުކިޔައި ގިނަ ޓުވީޓްތަކެއް ކޮށްފަ އެވެ.

މި ތަހުގީގަށް ޝުމްބާގެ އިތުރުން ފުލުހުން ހޯދަމުންދާ އަނެއް ހަތް މީހުންނަކީ:

  1. މުހައްމަދު އައްލާމު ލަތީފު (މޮހޯ)، މ.ސެސްނާ

  2. މުހައްމަދު ހުސައިން (އޮއިއްޓޭ)، ގ. އޮއިވާލި
  3. މުހައްމަދު ވިޝާމް (ވިޝް)، ވައިޖެހޭގެ ހއ. މުރައިދޫ
  4. އަހުމަދު ފާތިހު (ބެންޖޯ)، ރަތްބަގީޗަގެ ކ. ދިއްފުށި
  5. މުހައްމަދު އަސީލު އަހުމަދު، ހ. އައިދާ
  6. ހުސައިން ޝިނާނު، ހ. ރަންވިލާގެ
  7. އަހުމަދު އިޝްފާހު އަލީ، މ. ލޭންޑު އޮފް ގާޑަން.