މެލޭޝިއާގެ ސަރުކާރާ އިދިކޮޅު ޕާޓީގެ ލީޑަރު އަންވަރު އިބްރާހިމް ފަސް އަހަރަށް ޖަލަށް ހުކުމް ކޮށްފައި ވަނީ ސިޔާސީ ސަބަބުތަކާ ހުރެ ކަމަށް އދ. އިން ބުނެފި އެވެ.

މި އަހަރުގެ ފެބްރުއަރީ މަހު އަންވަރު ފަސް އަހަރަށް ޖަލަށް ހުކުމް ކޮށްފައި ވަނީ 2008ގައި އޭނާގެ ފިރިހެން އެހީތެރިއަކާ އެކީ ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތުގަ އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އެ ހުކުމަކީ މިހާރުގެ ސަރުކާރުން އިދިކޮޅު ފަރާތްތައް ބަލި ކޮށްލުމަށްޓަކައި ކުރި ހުކުމެކެވެ.

އަންވަރުގެ އާއިލާ އިން މިއަދު ނެރުނު އަލިފްދާލުގެ ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަންގެ ރިޕޯޓެއްގައި އެ ޖަމްއިއްޔާ އިން ވަނީ އަންވަރު ވަގުތުން ދޫ ކޮށްލުމަށް ގޮވާލާފަ އެވެ.

" އަންވަރު ވަގުތުން ޖަލުން ދޫކޮށްލަން ޖެހޭ، އަދި ގާނޫނީ ސަބަބެއް ނެތި ހައްޔަރު ކުރުމުން އޭނާ އަށް ނުލިބުނު ހައްގުތަށް ލިބި ދޭންޖެހޭ،" އެ ރިޕޯޓުގައި ވޯކިން ގުރޫޕުން ބުނެފައިވެ އެވެ.

މީގެ އިތުރުން، އަންވަރު ކުޑަ ގޮޅީގައި ގިނަ ދުވަސްތަކެއް ވަންދެން ހައްޔަރު ކޮށްފައިވާ ކަމަށް ދެކެވޭތީވެ، އޭގެ ސަބަބުން އަންވަރަށް ލިބިފައިވާނެ ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކާ މެދު ކަންބޮޑުވާ ކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

މެލޭޝިއާގެ މިހާރުގެ ސަރުކާރާ ދެކޮޅު ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް އޮންނަ ފަރާތް ކަމަށްވާ އަންވަރު ވަނީ 10 އަހަރުގެ ތެރޭގައި ދެ ފަހަރު، ފިރިހެނަކާ ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފަ އެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ މެލޭޝިއާގައި ހައްދުޖެހުމާ އެކު 20 އަހަރުގެ ޖަލު ހުކުމެއް ދޭ ކުށެކެވެ.

މީގެ ކުރިން 1998ގައި ވެސް އޭނާ ވަނީ ފިރިހެނަކާ ބަދު އަހުލާގީ އަމަލު ހިންގުމުގެ ތުހުމަތިގައި ހަ އަހަރަށް ޖަލަށްލާފަ އެވެ. ނަމަވެސް 2004 ގައި މެލޭޝިއާގެ އެންމެ މަތީ ކޯޓުން ހުކުމް ބާތިލުކޮށް އޭނާ ދޫކޮށްލި އެވެ.

އަލިފްދާލުގެ އެ ގޮވާލުމާ ބެހޭ ގޮތުން މެލޭޝިއާގެ ސަރުކާރުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

މައުލޫމާތު: ވޮޝިންޓަން ޕޯސްޓް