02 Nov 2015, 18:26
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައި ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ދިން ނުރައްކާތެރި ހަމަލާގައި ބައިވެރިވާ ހުރިހާ އެންމެން ގާނޫނުގެ ކުރިމައްޗަށް ހާޒިރިކޮށް އެ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް އެމްޑީއޭގެ އަންހެނުންގެ މަޖިލީހުން ގޮވާލައިފި އެވެ.
އެމްޑީއޭ އިން މިއަދު ނެރެނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އަވަހާރަ ކޮށްލުމަށް ކުރި އެ މަސައްކަތަކީ އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތް އަނިޔާވެރި ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ދެކަނބަލުންނާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި، އަދި އެ ޕާޓީގެ ނައިބު އަލީ މައުރޫފުގެ ދެކަނބަލުން ތިއްބެވި އެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ނުރައްކާތެރި ހާދިސާ ވަނީ އެމްޑީއޭގެ އަންހެނުންގެ މަޖިލީހުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.
ލޯންޗުކޮޅުގައި ހިނގި ހާދިސާގެ ފަހަތުގައި ތިބި ހުރިހާ ފަރާތްތަކަށް ކަމާ ބެހޭ ފަރާތްތަކުން ހަރުކަށި އަދަބު ދިނުމަށް އެމްޑީއޭގެ އަންހެނުންގެ މަޖިލީހުން ވަނީ ގޮވާލައިފަައެވެ.
ރައީސް އަވަހާރަކޮށްލައި ސަރުކާރު ވައްޓާލުމަށް ބަޔަކު ހިންގާފައިވާ އަަމަލުތަކާ ގުޅިގެން އެމްޑީއޭގެ އަންހެނުންގެ މަޖިލީހުން ބުނެފައި ވަނީ، ސަރުކާރުގެ ދިފާއުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހި އެ ޕާޓީގެ މެންބަރުން ތިބޭނެ ކަމަށެވެ.