ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާ މިވަގުތު ރެއާލް އަށް ކުޅެމުން އައި ކަމުގައިވީ ނަމަވެސް މުސްތަގްބަލުގައި އޭނާ ކުޅޭނެ ޓީމެއް ނޭނގޭ ކަމަށް ބުނެފިއެވެ.

ރޮނާލްޑޯއާ ހަވާލާދީ އިގިރޭސި ނޫސް "މިރާ"އިން ބުނީ ރެއާލްގައި ރޮނާލްޑޯ ހުރިނަމަވެސް އޭނާ އެހެންޓީމަކުން ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި އަދި ފެނުން އެންމެ ގާތީވެސް މެންޗެސްޓާ ޔުނައިޓެޑުން ކަމަށެވެ.

"މިވަގުތު އަހަރެން ރެއާލްގައި ކުޅެމުން މި އަންނަނީ ވަރަށް ހިތްހަމަޖެހިގެން. އެކަމަކު ކުރިއަށް އޮތްތާންގަ ކަންތައް ވާނެ ގޮތެއް ނޭނގެ. އަހަރެން ހިޔާރު ކުރާނީ އަހަރެންނަށް ހިތް ހަމަޖެހޭ ގޮތެއް،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯގެ ގާތް ރަޚްމަތްތެރިއެއް ކަމަށްވާ އިންގްލެންޑްގެ ޝެފިލްޑް ވެނިސްޑޭއަށް ކުޅެމުން އަންނަ ޖޯޝް ސިމީޑޯ މިރާއަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް ދިއުމަކީ ވަރަށް ގާތް ކަމެއްކަމަށާއި އޭނާގެ ކެރިއަރު ރެއާލް މެޑްރިޑްގައި ނިންމައިނުލާނެ ކަމަށެވެ.

"ރޮނާލްޑޯ ރެއާލްގައި ހުރީ އަފުލުން. އޭނަ ވަރަށް ލޯބި ކުރޭ އިނގިރޭސި ފުޓްބޯޅައަށް އަދި އިނގިރޭސިން ނަށް ވެސް. ކޮންމެވެސް ދުވަހަކުން އަދި އެނބުރި އަންނާނެ އިންގްލޭންޑަށް،" ޖޯޝް ބުންޏެވެ.

ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ރޮނާލްޑޯ ރެއާލް މެޑްރިޑާ ގުޅުނީ 2009 ވަނަ އަހަރު 94 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށެވެ. އަދި މިހާރުވެސް ރޮނާލްޑޯ ހޯދުމަށް ބޮޑެތި މުއްސަނދި ކުލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.