03 Nov 2015, 09:48
ލުއި ކާނާގެ އިޝްތިހާރު ދައްކާ ޓީވީ ޗެނަލްތައް ބަލާ ކުޑަކުދިން އެހެން ކުދިންނަށް ވުރެ ގިނައިން ރެސްޓޯރެންތަކަށް ދާކަމަށް ޑާޓްމައުތުގެ ގިސެލް ސްކޫލް އޮފް މެޑިސިން އިން ދާދި ފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
އެ ސްޓަޑީ އިން އެންމެ ފުރަތަމަ ހޯދީ 2009ގައި އެމެރިކާގެ ކުޑަކުދިންނަށް ހާއްސަ ޗެނަލްތަކުން ދެއްކި ހުރިހާ ލުއި ކާނާގ އިޝްތިހާރުތަކެވެ. އޭގެ ތެރެއިން 79 ޕަސެންޓް އިޝްތިހާރަކީ ބާގާ ކިންގާއި މެކް ޑޮނަލްޑްގެ ފަރާތުން ކުޑަކުދިންގެ ހަތަރު ޗެނަލަކުން ދައްކާ އިޝްތިހާރުތަކެވެ.
ގިސެލް ސްކޫލް އޮފް މެޑިސިންގެ ރިސާޗަރުން ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުން އެ ތަހުލީލުގައި ހިމަނާފައި ވަނީ ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ 100 ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނެވެ. އެންމެ ފުރަތަމަ އެ ކުދިންގެ މައިންބަފައިން ބެލީ އެ ކުދިން ނިކެލޯޑިއަން އާއި ނިކްޓޫންސް އާއި ކާޓޫން ނެޓްވޯކު އަދި ޑިޒްނީ ޗެނަލް ބަލާ މިންވަރެވެ. އަދި އެ ކުދިންނަކީ ރެސްޓޯރެންޓުތަކުން ކުޅޭ އެއްޗެހި ހޯދާ ކުދިންތޯ އާއި އިޝްތިހާރުތައް ބެލުމަށް ފަހު އެ ކުދިން އެ ދެ ރެސްޓޯރެންޓަށް ދިޔުމަށް އެދޭތޯއާއި ރެސްޓޯރެންޓުތަކަށް އާއިލާއިން ދާ މިންވެރެވެ.
ބައިވެރިވި ކުދިންގެ ތެރެއިން 54 ޕަސެންޓް ކުދިން ވަނީ ރެސްޓޯރެންޓުތަކަށް ދާން އެދިފަ އެވެ. މީގެ ތެރެއިން، ކުޑަކުދިންނަށް އަމާޒުކޮށްފައިވާ ކާ އެއްޗެހީގެ އިޝްތިހާރު ބެލި 37 ޕަސެންޓް ކުދިންގެ ބެލެނިވެރިން ރިސާޗް ޓީމަށް ބުނެދިން ގޮތުގައި، އެ ކުދިން ރެސްޓޯރެންޓަށް ދާން ބޭނުންވި މިންވަރު ވަނީ އިތުރު ވެފަ އެވެ. ސްޓަޑީގައި ބައިވެރިވި 29 ޕަސެންޓް ކުދިންނަކީ ރެސްޓޯރެންޓުތަކުން ކުޅޭ އެއްޗެހި އެއްކުރާ ކުދިންނެވެ. މި ކުދިންގެ ތެރެއިން 83 ޕަސެންޓް ކުދިން ވަނީ އިޝްތިހާރު ބެލުމަށް ފަހު ރެސްޓޯރެންޓަށް ދާން ބޭނުންވި މިންވަރު އިތުރުކޮށްފަ އެވެ.
އެ ރިސާޗް އިން އެނގިގެން ދަނީ ކުޑަކުދިންނަށް ހާއްސަ ކޮށްފައި ހުންނަ ސިއްހަތަށް ފައިދާއެއް ނެތް ކާ އެއްޗެހީގެ އިޝްތިހާރުތައް ބެލުމަކީ ކުޑަ ކުދިން އެ ފަދަ ކާނާއަށް ދެވިހިފާ ކަމެއް ކަމެވެ. އަދި އޭގެ ސަބަބުން ކުޑަކުދިންގެ ބަރުދަން އިތުރު ވުމަށް މަގުފަހިވާ ކަމެވެ.
"އަޅުގަނޑުމެންނަށް ބެލެނިވެރިންނަށް ދެވެން އޮތް އެންމެ ރަނގަޅު ނަސޭހަތަކީ ކުޑަކުދިންނަށް އިޝްތިހާރު ނުހުންނަ ޓީވީ ޗެނަލްތައް ދެއްކުން،" ދިރާސާގައި ބައިވެރިވި ރިސާޗަރެއް ކަމަށްވާ ޖެނިފާ އެމަންޑު ބުންޏެވެ.
ދިރާސާގެ ތަފްސީލު ވަނީ ޖާނަލް އޮފް ޕީޑިއެޓުރިކުސް ގައި ޗާޕު ކޮށްފަ އެވެ.
މައުލޫމާތު: ސައިންސް ވޯލްޑް ރިޕޯޓް