02 Nov 2015, 16:15
މޯލްޑިވްސް މާކެޓިން އެންޑް ޕަކްރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކޮރަޕްޝަން މައްސަލަތައް ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން އެމްއެމްޕީއާރްސީއަށް ވަދެއްޖެ އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ވިދާޅުވީ އެމްއެމްޕީއަރުސީން ޓޫރިޒަމަށް ރަށްތައް ދޫކުރި މައްސަލައާއި އެކުންފުނީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބެލުމަށް އޭސީސީގެ ޓީމަކުން އެމްއެމްޕީއާރުސީއަށް ވަދެ ތަހުގީގު ފަށާފައިވާ ކަމަށެވެ.
"ޖުމުލަކޮށް އެތާގެ އެތެރޭގައި ހުރިއްޔާ ހުރި ހުރިހާ މައްސަލައެއް ބަލަން މިހާރު ވަދެގެން މިއުޅެނީ." ލުތުފޫ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓާ ޖެނެރަލްއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފަ އެވެ.
އެމްއެމްޕީއާރުސީ އޮޑިޓް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އިރު އެކުންފުންޏާ ގުޅޭ ގޮތުން ތަފާތު މައްސަލަތަކެއް މިހާރު ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި ފައިސާ އާ ގުޅޭ މައްސަލަތަކާއި އޮޅުވާލައިގެން ރާއްޖެ އެތެރެކުރި ބަޑިބޭސް ކޮންޓޭނަރެއްގެ މައްސަލައެއް ހިމެނެ އެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.